މަޝްހޫރު ލަވަކިޔުންތެރިޔާ ކެޓީ ޕެރީ އާއި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، އެމީހުންގެ ގުޅުން ރަސްމީކޮށް އާންމުކޮށްފިއެވެ.
މިކަމުގެ ވާހަކަތައް ދެކެވެން ފެށިތާ ހަފްުތާތަކެއް ފަހުން މިކަން ރަސްމީކޮށް އާންމުކޮށްފައި މިވަނީ، ކެޓީއަށް 41 އަހަރު ފުރުނު ދުވަހު، ޕެރިހުގައި އާންމުންގެ ކުރިމަތީގައި އެކުގައި ފެނިގެންދިއުމާ ގުޅިގެންނެވެ.
"ޓީއެމްޒެޑް" ރިޕޯޓްކޮށްފައިވާ ގޮތުގައި، ކެޓީ އާއި ޖަސްޓިން ފުރަތަމަ ފަހަރަށް އެކުގައި އާންމުންގެ ކުރިމަތީގައި ފެނިގެންދިޔައީ ކްރޭޒީ ހޯސް ޕެރިސްގައި ބޭއްވި ކެބަރޭ ޝޯއެއް ބެލުމަށްފަހު އެވެ. އެ ދެމީހުން އެތަނުން ނުކުތީ އަތުގައި ހިފާލައިގެންނެވެ. އެވަގުތު ބޭރުގައި ތިބި ނޫސްވެރިންނަށް އެމީހުން ފެނިފައިވަނީ ހިނިތުންވެލައިގެން ތިއްބައެވެ. ޖަސްޓިން ވަނީ ކެޓީ ކާރާ ހަމައަށް ގެންގޮސްދީފައެވެ. ކެޓީ ފެނިފައިވަނީ ރަތް ކުލައިގެ ހެދުމެއްގައެވެ. ޖަސްޓިން ފެނިފައިވަނީ ކަޅުކުލައިގެ ސޫޓެއްގައެވެ.
މީގެ ކުރިންވެސް ކެލިފޯނިއާގެ ސަންޓާ ބާބަރާގެ އައްސޭރިފަށުން ކެޓީގެ ޔޮޓެއްގައި އެ ދެމީހުން އެކުގައި ތިބެނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާންމުވެފައިވެއެވެ. އަދި ލަންޑަންގައި ބޭއްވި ކޮންސެޓެއްގައި، ފޭނަކު ކައިވެންޏަށް އެދުމުން، ކެޓީ ވަނީ މީގެ ދެދުވަސް ކުރިން ކޮންމެވެސް މީހަކު އެފަދަ ސުވާލެއް ކުރިނަމަ ހިތްހަމަޖެހުނީސް ކަމަށް ބުނެފައެވެ. އެ ކޮންސެޓްގެ ދެދުވަސް ކުރިން ކެޓީ ފެނިފައިވަނީ ޖަސްޓިންއާ އެކު ޔޮޓުގައެވެ.
ކެޓީގެ ކުރީގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާނަމަ، މަޝްހޫރު އެކްޓަރު އޮލިމްޕަސް ބްލޫމް އާއި ކެޓީ ވަކިވިކަން ރަސްމީކޮށް ހާމަކޮށްފައިވަނީ މި އަހަރުގެ ޖުލައި މަހުއެވެ. 2016 ވަނަ އަހަރުން ފެށިގެން ގުޅުން ބަދަހިކޮށް 2019 ވަނަ އަހަރު އެންގޭޖްވި މި ދެމީހުންނަށް ދަރިޔަކު ވެސް ލިބިފައިވެއެވެ. އެއީ ޑެއިސީ ޑޯވް އެވެ.

ކުޅިވަރު
މުނިފޫހިފިލުވުން
އިރާން
ދުނިޔެ