ތަރުޖަމާ: ޢާއިޝަތު މަލަކް ސިނާން

**************

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަންހެނަކު އޭނާގެ ގެއިން ނުކުތްއިރު އުމުރުން ދުވަސްވީ ތިން ފިރިހެނުން އެގޭ ދޮރުކުރިމަތީ ފާރުބުރިއެއްގެ މަތީގައި އިށީނދެ ތިބި މަންޒަރު ފެނުނެވެ.

ފެންނަފެނުމަށް އެއީ ދިގު ދަތުރެއް ކުރަމުން އައި ބައެކެވެ. ތިން މީހުންގެ މޫނުމަތީން ވެސް ފެންނާން ހުރީ ވަރުބަލިކަމުގެ އަސަރު ތަކެވެ. ލައިގެން ތިބި ހެދުންތައް ހުރީ ދާވެ، ހިރަފުސް ވެފައެވެ.

އެމީހުންގެ މި ހާލަތު ފެނި، އަންހެނާ ހަމްދަރުދީ ވިއެވެ. އެތެރެއަށް ވަންނާން ދައުވަތު ދިނެވެ.

"އަހަރުމެން ތިން މީހުނަށް އެކީގައެއް ނުވަދެވޭނެ. ކޮންމެވެސް އެކަކު އިޚްތިޔާރު ކުރޭ!" ފުރަތަމަ ފިރިހެނާ ޖަވާބުދިނެވެ. "އަހަރެންނަކީ ތަނަވަސްކަމެވެ."

ދެވަނަމީހާ ބުންޏެވެ، "އަހަރެންނަކީ ކާމިޔާބީއެވެ."

"އަހަރެންނަކީ ލޯތްބެވެ." ތިންވަނަ މީހާ ހިނިތުންވެލައިފައި ބުންޏެވެ.

ހައިރާންވެފައި ހުރި އަންހެނާ އެނބުރި ގޭތެރެއަށް ވަދެއްޖެއެވެ. އަދި އޭނާގެ ފިރިމީހާއަށް މި ވާހަކަތައް ކިޔައިދިނެވެ.

"ތަނަވަސްކަން ވައްދާ! މިހާރު ވެސް މި ތިބީ އަތްމަތި ހުސްވެ ފައިސާއަށް ބޭނުންޖެހިފައި." އެއްވެސް ފަސްޖެހުމަކާ ނުލައި ފިރިމީހާ ބުންޏެވެ،

އަންހެނާ ކުޑަ ވަގުތުކޮޅަކު ވިސްނާލި އެވެ.

"ނޫން. މިގެއަށް ވައްދާނީ ލޯބި. މިހާރު އަތުގައި ހުރި ފައިސާއިން ފުއްދޭތޯ ބަލާނީ. ހަގީގަތުގައި އަހަރުމެންނަށް ބޭނުންވަނީ ލޯތްބާއި ހަމަޖެހުން." އަންހެނާ ބުންޏެވެ.

އެއާއެކު އޭނާ އަނބުރި ބޭރަށް ނުކުތެވެ. "އަހަރުމެން އިޚުތިޔާރު ކުރާނީ "ލޯބި" ވަންނަވާ!

ތިންވަނަ ފިރިހެނާ ތެދުވެ، ދޮރާ ދިމާއަށް ހިނގައިގަތެވެ. ހަމަ އެވަގުތު ދެން ތިބި ދެ މީހުންވެސް އޭނާގެ ފަހަތުން ގޭއެތެރެއަށް ވަންނާން ހިނގައިގަތެވެ.

"އެތެރެއަށް ވަދެވެނީ ފަހަރަކު އެންމެ މީހަކަށް ނޫންތޯ؟" ވާނުވާ ނޭނގިފައި ހުރި އަންހެނާ ސުވާލުކުރިއެވެ.

"އާދެ، ތަނަވަސްކަން ނުވަތަ ކާމިޔާބީ ޚިޔާރުކުރި ނަމަ، ބާކީ ތިބި ދެ މީހުން ވަނުމުގެ ފުރުސަތެއް ނޯންނާނެ. އެކަމަކު ލޯތްބަކީ އޭގެ ސަބަބުން ކާމިޔާބީ ވެސް، އަދި ތަނަވަސްކަން ވެސް، ލިއްބައިދޭ އެއްޗެއް. އެހެންވީމާ ލޯބީގެ ފަހަތުން ދެންހުރި ކަންކަން އަންނާނެ." ތިން ވަނަ ފިރިހެނާ ހިނިތުންވުމާއެކު ބުނެލިއެވެ.

މި ވާހަކައިން ލިބޭ އިބުރަތަކީ އަޅުގަނޑުމެންގެ ހަޔާތަށް ލޯބީގެ މުހިންމުކަމެކެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިމެ ލޯބި އިސްކުރުމުގެ ފިލާވަޅެވެ. ވަށައިގެން ދެން ހުންނަ ކަންކަން ލޯތްބާ ގުޅިލާމެހިފައިވާ ގޮތުގެ ފިލާވަޅެވެ.

ލޯބި އިސްކުރުމުން، އެހެން ހުރިހާ ކަމެއް ވެސް އެއާ އެކު ލިބުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. ސަބަބަކީ، ލޯތްބަކީ ކާމިޔާބީގެ މަގުސަދަށާއި، ތަނަވަސްކަމުގެ މާނައަށް ވެގެންދާތީއެވެ. ތިބާގެ ހަޔާތަށް ލޯބި ގެންނާށެވެ. ވަށައިގެންވާ މާހައުލަކީ ލޯބިން ފުރިފައިވާ ތަނަކަށް ހަދާށެވެ. ކުރާ ކޮންމެ ކަމެއްވެސް ލޯބިން ކުރާށެވެ. ކުރާ ކޮންމެ މުއާމަލާތެއްގައިވެސް ލޯބި އިސްކުރާށެވެ. ދެން ހުރި ކަންކަން ލޯތްބާއެކު ތިބާއާ ބައްދަލުކުރާނެއެވެ.