ތަކުރާރުކޮށް ދަރިފުޅަށް ދިރިއުޅުމުގެ ރަނގަޅު މަގުން ކަންކަން ކުރުމަށް އިރުޝާދު ދޭ މަންމަޔަކު އުޅުނެވެ.

"ބޭނުން ނުކުރާ ވަގުތުތަކުގައި ފަންކާ ނިއްވާލާ!"

"ކޮޓަރީގައި މީހަކު ނެތި ޓީވީ އެހުރީ ހުޅުވާފަ. ގޮސް ނިއްވާލާ!"

"ތިހާ ވަރަށް ފެން އިސްރާފު ނުކުރޭ!"

މިއީ މަންމަގެ ދުލުން ތާއަބަދު އިވޭ ބަސްތަކެވެ.

ހުއްޓުމެއް ނެތި ކޮންމެ ދުވަހަކު މިވާހަކަތައް އަޑު އިވިއިވި ދަރިފުޅު ހުރީ ފޫހި ވެފައެވެ. ރުޅިގަދަ ވެފައެވެ. މިނޫން ދިރިއުޅުމެއް ލިބޭނޭ ދުވަހަކަށް އެދިއެދިއެވެ.

މި ގޮތުގައި ދުވަސްތައް ހޭދަވަމުންގޮސް، ކިޔަވައި ނިމި، ވަޒީފާއަށް ދިއުމުގެ އުމުރު އައިސް ޖެހިއްޖެ އެވެ. ވަޒީފާގެ އިންޓަވިއުއަށް ހޮވުމުން ހިތަށް އެރިއެވެ. މި ވަޒީފާ ލިބިއްޖެ ނަމަ، އަހަރެން ދިރިއުޅޭނީ މަންމައާ ވަކީންނެވެ. އެއިރުން މަންމަގެ ބޭކާރު ވާހަކަތައް އަބަދު އަޑުއަހާކަށް ނުޖެހޭނެ އެވެ. ބޮލަށް ލައްކަ ފަސޭހަ ވާނެއެވެ.

އިންޓަވިއުއަށް ދާން ނުކުންނަނިކޮށް މަންމަ ބުނެލިއެވެ. "ދަރިފުޅާ! ޖަވާބު ނޭނގޭ ސުވާލެއް ކުރިމަތިވިޔަސް ހާސް ނުވާތި! ޖެހިލުން ނުވާތި! ޔަގީންކަމާއެކު ޖަވާބު ދޭތި!"

އިންޓަވިއު އޮތް އޮފީސް އިމާރާތަށް ވަތް އިރު، އެތަނުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ދޮރު ހުރީ ހުޅުވައިފައެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ އޭނާގެ މަންމަގެ ބަސްތަކެވެ. އިތުރު ވިސްނުމެއް ނެތި ދޮރު ލައްޕާލިއެވެ. އެއާއެކު އޮފީސް ދޮރުމަތީ އޮތް ހުސްބިމުގައި އެކި ކުލަކުލައިން ފޮޅިފައިހުރި މާތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. ހަމަ އެވަގުތު، ގަސްތަކަށް ފެންދޭ ހޮޅި ދޫވެފައި އޮތުމުގެ ސަބަބުން އެކި ދިމަދިމާއަށް ފެން ބުރަމުންދާކަން ވެސް ފާހަގަ ކުރެވުނެވެ. އޭނާ އެ ހޮޅި ނެގުމަށް ފަހު، ފެން ނުލިބި މިލައިފައި ހުރި ގަސްތަކަށް ފެންދިނެވެ. އަދި އިސްކުރު ބާރުކޮށްލިއެވެ.

ހަމަ އެހިނދު، ދުވާލުގެ މި އަލިގަދަ ވަގުތުގައި ވެސް ދިއްލާފައި ހުރި ބޮކިތަކަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ބޮކިތައް ނިއްވާލުމަށް ފަހު އޭނާ މިސްރާބު ޖެހީ ހޯލާ ދިމާއަށެވެ. ހޯލަށް ވަންނަމުން ދޮރުމަތީގައި ނުބައިފުށަށް އޮތް ފައިފުހި ރަނގަޅު ފުށަށް ޖަހާލިއެވެ. އޭނާގެ ނަންބަރު ޖެހެންދެން ގޮނޑިއެއްގައި އިށީނދެލައި ހަމަޖެހިލިއެވެ.

އިންޓަވިއުއަށް ވަނުމުން، އެއްވެސް ސުވާލެއް ކުރުމެއް ނެތި، ސެޓްފިކެޓްތަކަށް ބަލައިލުމެއް ނެތި، އިންޓަވިއުކުރާން އިން މީހާ ބުނެލި ޖުމުލައިން އޭނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

"ވަޒީފާއަށް ނުކުމެވޭނީ ކޮން ދުވަހަކުން؟" އެމީހާ އެހިއެވެ.

"ކީކޭތޯ؟... އަޅުގަނޑާ އެއްވެސް ސުވާލެއް ވެސް ނުކުރައްވަމެއް ނޫންތޯ؟" ހައިރާން ވެ ހުރެ އޭނާއަށް އަހައިލެވުނެވެ.

"މި ކުންފުނީން ވަޒީފާ ދިނުމުގައި ބަލަނީ، މީހާގެ ވާހަކަ ދެއްކުމުގެ ކުޅަދާނަކަމަކަށް ނޫން. އެމީހެއްގެ އަމަލުތައް ހުންނަ ގޮތަށް. މި އިމާރާތަށް ވަދެގެން އައިއިރު ތިބާގެ ހަރަކާތްތައް އަހަރެމެން އައީ ބަލަމުން. ވަދެގެން އައިސް ދޮރު ލެއްޕުމާއި، ފެން ނުލިބި މިލާފައި ހުރި ގަސްތަކަށް ފެން ދިނުމާއި، ބޭކާރު ގޮތުގައި ދިއްލާފައި ހުރި ބޮކިތައް ނިއްވާލުމާއި، ދޮރުމަތީގައި އޮތް ފައިފުހި ރަނގަޅު ކޮށްލުމުން ދޭހަވަނީ ތިބާގެ ކިބައިގައި ހުރި ހަރުދަނާކަމާއި ރަނގަޅު އަޚުލާގު. މި ވަޒީފާއަށް ކުރިމަތިލީ އެހެން އެންމެނަށްވެސް އެ މަންޒަރުތައް ފެންނާނެ. އެކަމަކު އެއިން އެއްވެސް މީހަކު ތިބާ ތި އަމަލު ކުރިގޮތަށް އަމަލެއް ނުކުރޭ. ތިބާއާއި އެހެން މީހުންނާ ހުރި ފަރަގަކީ އެއީ. ތިބާއަށް މި ވަޒީފާ ދޭން ނިންމި ސަބަބަކީ ވެސް އެއީ."

މި ވާހަކަތައް އަޑުއިވުމުން އޭނާ ފެންކަޅިވިއެވެ. މަންމަގެ ރަނގަޅު ނަސޭހަތްތަކުގެ އަގު ވަޒަން ކުރެވުނެވެ. މިއަދާއި ހަމައަށް އޭނާ އެކަންކަމާމެދު ފޫހިވެ ނުރުހުންވި ބަސްތައް ވެގެން މި ދިޔައީ އޭނާގެ ކާމިޔާބުގެ ސިއްރަށެވެ. މުސްތަގުބަލުގެ ބިންގަލަށެވެ. އެވަގުތު އޭނާ ހިތާއިހިތުން މަންމައަށް ހެޔޮ ދުޢާ ކުރިއެވެ.

މި ހާދިސާއިން ލިބޭ އިބުރަތަކީ، މިއަދު ދެވޭ ރަނގަޅު ތަރުބިއްޔަތަކީ މާދަމާގެ ކާމިޔާބީގެ ތަޅުދަނޑިކަމެވެ. މައިންބަފައިންގެ ނަސޭހަތް ހެޔޮހިތުން ގަބޫލުކޮށް، އެ ނަސޭހަތުގައި ހިފައި އެއަށް އަމަލުކުރުމުގެ މުހިންމުކަމެވެ.