ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދެއްވައިފި ނަމަ، ސިންގަޕޫރާއި މެލޭޝިއާއާ އެއް ފެންވަރަކަށް ގެންގޮސްދެއްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ރިޔާސީ ކެމްޕޭނަށް އައްޑޫ ސިޓީއަށް ވަޑައިގެން މިރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖެއަށް އެވަރުގެ ތަރައްގީއެއް ގެނެސްދެއްވާނެ ކެންޑިޑޭޓަކަށް ހުންނެވީ ރައީސް ސޯލިހު ކަމަށެވެ.
"މި ރާއްޖެ މިނިވަންވީ ފަހުން، މި 60 އަކަށް އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ މި ފަސް އަހަރުގެ ދައުރު ހިންގެވި ގޮތަށް މި ރާއްޖެ ހިންގި ނަމަ، މި ރާއްޖެ ވާދަކުރާނެ ސިންގަޕޫރާއި މެލޭޝިއާއާ. ރައީސަށް މި ފަސް އަހަރު ދެއްވާ، ގެންދަވާނެ އިނގޭތޯ އެ ހިސާބަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ހަމަ އެންމެ މަގުސަދެއްގައި ކަމަށާއި އެއީ މި ރާއްޖޭގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން އިހުލާސްތެރިކަމާއެކު ހިދުމަތްކޮށްދެއްވަން ކަމަށެވެ. އަދި ރައީސް ވަޑައިގަންނަވަނީ މި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވަން ކަމަށް ވިދާޅުވިއެވެ.
"ފަސް އަހަރު މި ހޭދަކުރީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއްގެ ހުރިހާ ސިފަތައް އެމަނިކުފާނު ވަނީ ފުރިހަމައަށް ސާބިތުކޮށްދެއްވާފައި. މި ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނާއި ރައްޔިތުންގެ ބޭނުންތަކާއި މުހުދާތުތައް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައި. އެމަނިކުފާނު މި ރާއްޖޭގެ ހުރިހާ ރަށްތަކަށް ޒިޔާރަތްކުރުމުން އެކަން އަޅުގަނޑުމެންނަށް ވަނީ ވަރަށް ރީތިކޮށް ފުރިހަމައަށް ކަށަވަރުކޮށްދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ މި ރާއްޖެ މި ހިސާބަށް ގެނެސްދެވުނީ ޕެޕާ ސްޕްރޭ ބޮއެގެންނާއި، މުގުރުން ތެޅިގެންނާއި، ގައިގައި ބިޑި އެޅުވި، ޖަލަށް ގޮސްގެން ކަމަށާއި ޒުވާނުން އަނބުރާ އެ ހިސާބަށް ގޮސް، ރާއްޖެ ސަލާމަތްކުރަން އުޅޭ މަންޒަރު ދެކެން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން ރާއްޖެ މިހާރު ދާ ގޮތަށް ގެންގޮސް ނިންމައިދިނުމަށް ޒުވާނުންނަށް އިލްތިމާސްކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު