އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުއަށް ތާއިދުކުރައްވަން، އިލްމުވެރިންގެ ގުޅުމުގެ ގިނަ ބޭފުޅުން ނިންމަވައިފިއެވެ.
އިލްމުވެރުންގެ ގުޅުމަކީ 150 އަށްވުރެ ގިނަ އިލްމުވެރިން ހިމެނޭ ހަރަކާތެކެވެ. އެ ހަރަކާތުގެ ވައިބާ ގްރޫޕުގައި ވަނީ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން އެ އިލްމުވެރިއަކަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ކެންޑިޑޭޓަކު ހޮވުމަށް ވޯޓެއް ނަގައިފައެވެ.
އެ ވޯޓުގައި 105 އިލްމުވެރިން ބައިވެރިވެ ވޯޓު ދެއްވި އިރު، އޭގެ ތެރެއިން 87 އިލްމުވެރިން ތާއީދު ކުރެއްވީ ޑރ. މުއިއްޒަށެވެ. ނުވަ އިލްމުވެރިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ތާއީދު ކުރެއްވި އިރު، ފަސް އިލްމުވެރިން ތާއީދު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނަށް އެއް އިލްމުވެރިއަކު ތާއީދު ކުރެއްވިއެވެ. އަމިއްލަ ގޮތުން ވާދަ ކުރައްވާ ހަސަން ޒަމީލަށް އެއްވެސް އިލްމުވެރިއެއް ތާއީދު ކުރައްވާފައެއް ނުވެއެވެ.
އިލްމުވެރިންގެ ގުޅުމުން މީގެ ކުރީން ވަނީ ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިސްލާމް ދީން ހިމާޔަތްކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށްވެސް އެ ގުޅުމުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު