ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ކުންފުންޏަކާ އެކު މަޝްރޫއެއްގެ އެއްބަސްވުން ހަދާފައިވާ ނަމަ، އޭނާގެ ވެރިކަމެއްގައި އެ ކުންފުންޏެއް ރާއްޖޭން ބޭރުކުރާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އދ. މަހިބަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަހައްދަކަށް ބެލިޔަސް ފެންނަނީ ވަރަށް ކަންބޮޑުވާ ކަންކަން ކަމަށެވެ. އެކަންކަން ހަމަ މަގަށް އެޅުވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރުގައި އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން މަސައްކަތް ކުރާނެ ބަޔަކަށް އެކަނި ކަމަށެވެ. އަދި އޭނާގެ ފޮރިން ޕޮލިސީއަކީވެސް އެއީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންގެ މިނިވަންކަން ނަންބަރު ވަން. މިނިވަންކަމަކާ ނޯންނާނެ ސުވާލު ކުރުމެއް. މިތާކު ތިބެވިގެން ނުވާނެ. ނުވެސް ތިބެވޭނެ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެއްބަހެއް ވެސް ނުވާނަން އެހެން ގައުމެއްގެ ސިފައިން ތިބޭކަށް. އަޅުގަނޑުމެންގެ މިނިވަންކަން އެއީ ނަންބަރު ވަން،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއްވެސް ގައުމެއްގެ ސިފައިން ރާއްޖެގައި ތިބުމުގެ ސަބަބުން މިހާރުވެސް މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށެވެ.

"ދެން އެމީހުން ތިބީ ކުލަ ހެދުމުގައި ތޯ ނޫނީ ބަޑި ހިފައިގެންތޯ ނޫން ޕޮއިންޓަކީ. ސިފައިން ތިބެގެން ނުވާނެ. އަދި އަޑި ނޭންގޭ އެއްބަސްވުމެއްވެސް އޮވެގެން ނުވާނެ،" މާލޭގެ މޭޔަރުކަންވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސަރުކާރުން ހިއްސާ ނުކުރަން ނިންމާފައިވާ ބައެއް އެއްބަސްވުންތަކަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ މަޝްރޫއުތަކެއް ހުރިނަމަ އެއީ މައްސަލައެއް ކަމަށެވެ. އެހެންކަމުން އޭގެން ކޮންމެ އެއްބަސްވުމެއްވެސް ބަލާނީ ގައުމު އިސްކޮށްގެން ގައުމަށް އެންމެ ރަނގަޅު ގޮތް އިހުތިޔާރު ކޮށްގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ބަލާއިރުގައި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް ހިނގާ މަޝްރޫއެއް ވިއްޔާމު ކުރިއަށް ދާނެ. މިހާރަށް ވުރެ މާ ބާރަށް ދާނެ ކުރިއަށް. މިސާލަކަށް ބްރިޖު މަޝްރޫއު. އެ މަޝްރޫއުގެ ހަގީގަތެއް ނޭނގޭ. ގައިމު ވެސް ނުބައިތަކެއް ހުރީމަ ދެއްތޯ ފަސް އަހަރުވާ އިރުގައިވެސް އެންމެ ތަނބެއް ވެސް ނުފެނިގެން މި އުޅެނީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެ މަޝްރޫއަކީ ވަރަށް ވެސް މުހިންމު މަޝްރޫއެއް ކަމަށާއި އޭނާ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު އެ މަޝްރޫއު އިއުލާން ކޮށްފައިވާ ކަމަށެވެ. އަދި ދިރާސާ އާއި ޗައިނާ ސަރުކާރުގެ އެހީ ވެސް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދެން މީގެން މަޝްރޫއެއް ބަލާއިރުގައި އުތުރުތިލަފަޅުގެ މަޝްރޫއު ވިޔަސް އެހެން މަޝްރޫއެއް ބިޔަސް އެއީ އެއީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމަކަށް ވަންޏާ ހަމަ ޖީއާމްއެރު ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން," މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ބުރޫނާރާ ގޮތަށް އެއްބަސްވެވޭ ގައުމުތަކާ އެކު އޭނާގެ ސަރުކާރެއްގައި ގާތް ގުޅުމެއް ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް ރަހުމަތްތެރިކަމާއި އަވައްޓެރިކަން އޮތް ނަމަވެސް އިސްކުރާނީ ގައުމު ކަމަށް އޭނާ ވިދާޅުވިއެވެ.