އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ސިއްރުކަން ގެއްލި، އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިންތިހާބުގެ އެއްވެސް ހިސާބަކުން އެއްވެސް ފަރާތަކަށް ފުރުސަތު ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިންތިހާބުގެ ކަންތައްތަކާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުން އަޑުއަހައި ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް، އެމީހާ އަމިއްލަ އިހުތިޔާރުގައި ވޯޓުލުމަށް ކުރަން ބޭނުންވާ ކޮންމެ ކަމެއް ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ކޮށްދިނުމަށް އީސީ އޮތީ ތައްޔާރަށް ކަމަށެވެ.

ބައެއް ސިޔާސީ ޕާޓީތަކުން އީސީއަށް ބައެއް ތުހުމަތުތައް ކުރަމުންދާކަން ފާހަގަ ކުރައްވައި، ހަބީބު ވިދާޅުވީ "ބައެއް ފަހަރު ސިޔާސީ ގޮތުން ބައެއް ކަހަލަ ވާހަކަތައް އަޑުއިވުނަސް އިންތިހާބުގެ އެއްވެސް ހިސާބެއްގައި މަކަރެއް، ހަމަނުޖެހުމެއް ހިނގުމުގެ ފުރުސަތެއްނުދޭނަން، ހާއްސަ ގޮތެއްގައި ވޯޓުލާ މީހާ ވޯޓުލާ މަރުކަޒަށް އައުމަށްފަހު، އޭނަގެ އަމިއްލަ އިހުތިޔާރުގައި ހަމަ ވޯޓު ކަރުދާސް ހިފައިގެން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން އޭނާ ކުރަންޖެހޭ ކަމެއް ކުރުމަށް ފަހު އޭނަ ނުކުމެގެން ދިއުމާ ހަމައަށް އޭނަގެ މައްޗަށް އެއްވެސް ނުފޫޒެއް އެއްވެސް ފަރާތަކުން ނުފޯރާނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންދެން،" ކަމަށެވެ.

ހަބީބު ވިދާޅުވީ، މިފަހަރުގެ ވޯޓުލާ ބޫތުތައް އިންތިޒާމު ކޮށްފައި ވަނީވެސް ވޯޓުލާ މީހާގެ ހުރިހާ ހަރަކާތެއް މޮނިޓާ ކުރެވޭ ގޮތަށް ކަމަށެވެ.

"ވޯޓުލާ މީހާ ފާހަގަ ޖަހާއިރު އޭނާގެ ހަރަކާތްތައް ފެންނަ ގޮތަށް ވޯޓުލާ މަރުކަޒު އިންތިޒާމު ކުރާނީ، އެހެންވީމާ އޭނާގެ ހަރާތްތައް ބެލުމަށް އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ތިއްބަވާނެ އަދި އަޅުގަނޑުމެންގެ އޮފިޝަލުންވެސް އެކަމަށް ފާރަވެރިވާނެ،"

ވޯޓުލާން އަންނަ މީހާ ބޭރުން ކަރުދާސް ގެނަޔަސް ވޯޓު ފޮއްޓަށް ލުމާއި ވޯޓުލާން ދާ މީހާ ވޯޓު ކަރުދާސްކޮޅު ފޮރުވައިގެން ބޭރަށް ގެންދިއުމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅު ކުރުމުން، ހަބީބު ވިދާޅުވީ، ވޯޓު ލުމަށް ވޯޓު ކަރުދާސް ދޫ ކުރާނީ އީސީން ތައްގަނޑެއް ޖެހުމަށްފަހުގައި ކަމަށެވެ. އެހެންކަމުން ބޭރުން ގެނަޔަސް ފޮއްޓަށްލާ ކަރުދާސް ކޮޅެއްގެ ސައްހަ ކަމެއް ނޯންނާނެ ކަމަށެވެ.

"ވޯޓު ކަރުދާސް ކޮޅަކީ، މާ ކުޑަ ކަރުދާސް ކޮޅެއް ނޫން، ފުދޭ ވަރެއްގެ ބޮޑު ސައިޒެއްގަ ހުންނާނީ، އެހެންވީމާ އެ ކަރުދާސްކޮޅު އެހާ ފަސޭހަކޮށް ޖީބަކަށްވެސް ނުލެވޭނެ، ކަރުދާސްކޮޅު ދޫކުރުމަށްފަހުގައި ގެނަސް ފޮއްޓަށް ވައްޓާލަންދެން ހަމައެކަނި ފާހަގަ ޖަހާ ވަގުތު އެކަނި ލޯމަތިން ގެއްލޭނީވެސް އެހެންވީމަ އެއީ ވާނެ ކަމެއް ނޫން، ތިޔަރިޓިކަލީ ދައްކާ ވާހަކަ އެހުންނަނީ އެއީ ޕްރެކްޓިކަލީ ކުރެވޭނެ ކަންތައްތަކެއް ނޫން،" އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، އިންތިހާބާބެ ހޭގޮތުން ހުށަހަޅާ މައްސަލަ ތަކުގެ ތެރެއިން އެ ކޮމިޝަނަށް ބެލޭނެ ކޮންމެ މައްސަލައެއްވެސް ބަލާނެ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅުން ހުރި މައްސަލަތައް އެކޮމިޝަނުން ބަލާނެ ކަމަށާއި މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަންޖެހޭ މައްސަލަތައް އެ ކޮމިޝަނުން އަދި ބްރޯޑް ކާސްޓިން ކޮމިނޝަނުން ބަލަންޖެހޭ މައްސަލަތައް ވެސް އެ ކޮމިޝަނުން ބަލާނެ ކަމަށެވެ.

"އިންތިހާބާބެހޭ ޝަކުވާތައް މީޑިއާ އާއި ސޯޝަލް މީޑިއާގައި ދެއްކުމުގެ ބަދަލުގައި އެ އޮންނަ އުސޫލުން ޝަކުވާ ހުށަހެޅުމަށް އިލްތިމާސްކުރަން،" ހަބީބު ވިދާޅުވިއެވެ.