މިއަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ، ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، މާލެ ވަޑައިގެން ބޮޑުތަކުރުފާނު މަގުން ޕީޕީއެމްގެ އޮފީހާ އަރާ ހަމަވި ތަނުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅައި، މޮޓޯކޭޑް ހުއްޓުވި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ގދ. ވާދޫ ޗިޗަންޑާގެ އިނާޝް އަބުދުﷲގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކުމިނަލް ކޯޓަށް ހާޒިރު ކުރުމުން ގާޒީ ވަނީ އިއްޔެއިން ފެށިގެން މިމަހު 16 ގެ ނިޔަލަށް ބަނދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅި މައްސަލައިގައި އިނާޝް ހައްޔަރުކޮށްފައިވާ އިރު، އޭނާއާ ބެހޭގޮތުން އެ ހާދިސާގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން، މޮޓޯކޭޑަށް އޭނާ ހުރަސް އަޅާފައި ވަނީ، ފުލުހުން މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ގޮހެވެ. އަދި ފުލުހުން އޭނާ ހުއްޓުވި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ހާދިސާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭނާއަކީ ސްކިޒޮފްރޭނިއާގެ ބަލީގެ މީހެއް ކަމަށާއި ޖެންޑާ މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ އަދި އެތަނުން ބަލަހައްޓަމުންދާ ބަލި މީހެއް ކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް ރިޕޯޓިގައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި މަސްތުވާތަކެތީގެ ދެ މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި ފަސް މީހަކަށް ދައުވާކުރަން މީގެ ކުރިން ޕީޖީ އޮފީހުން ވަނީ ކުރިމިނަލް ކޯޓަށް ފޮނުވައިފައެވެ.

އޭގެ ތެރެއިން ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ތިން މީހުންގެ ތެރޭގައި ހިމެނެނީ، މުހައްމަދު އައްބާސް / ހުޅުމާލެ ގޯތި11328 އަހުމަދު ރަޝީދު/ ދަފްތަރު ނަންބަރު 9151 އަހުމަދު އަޒީލް / ހުޅުމާލެ ފްލެޓު06-2-154 އެވެ.

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ކުރި ދެ މީހުންނަކީ، އަހުމަދު ސިނާން / އެސްޓަންވިލާ، ގއ. ދެއްވަދޫ އާއި މަރިޔަމް މާޝާ / ސޭޑީކޯނާ، ށ. ބިލަތްފަހިއެވެ.