މާލެއެކޭ އެއްގޮތަށް ވިލިމާލޭގައިވެސް އުސްކޮށް އިމާރާތް ކުރުމަށް ހުއްދަ ދޭން އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ގްރޭޓާ މާލެ މެނިފެސްޓޯ ލޯންޗުކުރީ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ބޮޑު ކެމްޕެއިން ޖަލްސާގައެވެ.

އެ މެނިފެސްޓޯ ބަހާލާފައިވަނީ މައިގަނޑު ތިން ސިޔާސަތެއްގެ މައްޗަށެވެ. އެއީ މާލީ ބުރައަކަށްނުވާ ގެދޮރުވެރިކަން، ކާރުބާރޫ ބޮޑު މަގުތަކުން މިންޖުވުން އަދި ފެންވަރު ރަނގަޅު ދިރިއުޅުމެވެ. "ފެންވަރު ރަނގަޅު ދިރިއުޅުން"ގެ ސިޔާސަތުގެ ދަށުން 30 ކަމެއް ކުރަން ރާވާފައިވެއެވެ.

އޭގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރާއި އަތޮޅު ތެރެއަށް މުދާ އުފުލާ، މުދާ އަރުވާ ބޭލުމުގެ ހަރަކާތްތައް ގުޅީފަޅަށް ބަދަލުކޮށް، އެ ސަރަހައްދުގައި ޒަމާނީ ލޯކަލް މާރުކޭޓަކާއި މަސް މާރުކޭޓަކާއި މަލްޓި ސްޓޯރީ ޕާކިން ފެސިލިޓީއަކާއި ތަފާތު އެކި މުނިފޫހިފިލުވުމުގެ ފެސިލިޓީތަކާއި ކްރޫސް ޓާމިނަލާއި ފެރީ ޓާމިނަލާއި ޝޮޕިން މޯލެއް ހަދަން ހިމަނާފައިވެއެވެ.

އަދި މާލޭގައި ހުރި ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށާއި ދިޔަނެރުފަޅުގައި ސަފާރީ މެރީނާ އަދި ހާބަރު ގާއިމުކުރުމަށާއި ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖުތައް ބަދަލުކޮށް، ފުނަދޫއާއި މާލެއާއި ގުޅާލައި، ފުނަދޫގައި ކޮންވެންޝަން ސެންޓަރަކާއި ޝޮޕިން މޯލް އަދި އެކި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށްވެސް ހިމަނާފައިވެއެވެ.

އެ ސިޔާސަތުގެ ދަށުން އިތުރަށް ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ވިލިމާލޭގެ ހޮސްޕިޓަލުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެ އަވަށުގައި މާލެ ސަރަހައްދުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފަރުވާ ދިނުމަށް ގާއިމުކުރާ ފެސިލިޓީ ގާއިމުކުރުން ހިމެނެއެވެ.

ދެން ހިމެނޭ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ގުޅީފަޅު އަދި ގިރާވަރު ފަޅުގައި ފެނާއި ކަރަންޓާއި ނަރުދަމާއާއި އެހެނިހެން އަސާސީ ހިދުމަތް އަދި ދިރިއުޅުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުން
  • ވިލިމާލެ ބީޗް ސަރަހައްދުގައި އެކިއެކި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުން ކުރެވޭނެ ގޮތަށް ތަރައްގީކޮށް، ބީޗް ހަޓް، ޗޭންޖިން ރޫމް އަދި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުން
  • ހިޔާ ބޮޑު، އަޑިއަށް މޫލައި ހެދޭ ގަސްތަކުން މަލަމަތި ޒީނަތްތެރިކުރުން
  • ގްރީން ސްޕޭސް އަދި ޕޮކެޓް ޕާކްސް ތަރައްގީކުރުން
  • ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުން
  • ކެޓް ޝެލްޓަރެއް ވެޓް ކްލިނިކް ހިދުމަތްތަކާއެކު ގާއިމުކުރުން
  • މަސްތަށް ދެވިހިފާފައިވާ ފަރާތްތައް އަނބުރާ މުޖުތަމައުއަށް އައުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި ފަރުވާއެއް ލިބޭނެ ގޮތަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ރިކަވަރީ ވިލެޖެއް ގާއިމުކުރުން
  • މާލެ ސަރަހައްދުގައި އިތުރު އިސްލާމިކް ސެންޓަރެއް ގާއިމުކުރުން
  • މާލެ ސަރަހައްދުގައި އިތުރު ސްކޫލުތައް އިމާރާތްކޮށް، ސްކޫލް ބަސް ތައާރަފުކުރުން
  • މާލެ ސަރަހައްދުގައި މޫދު ކުޅިވަރަށް ހާއްސަ ތަންތަން ކަނޑައެޅުން
  • އިންޑޯ ފުޓްސެލް އެރީނާ ގާއިމުކުރުން
  • ތިލަފުށީގައި ރޭސިން ޓްރެކް ގާއިމުކުރުން
  • ސްވިމިން ޕޫލްތައް ގާއިމުކުރުން
  • އިތުރު އައުޓްޑޯ ޖޮގިން ސްޕޭސް ގާއިމުކުރުން
  • ގަލޮޅު ދަނޑު ހިމެނޭހެން ބައިނަލްއަގުވާމީ ފެންވަރަށް ކުޅެވޭ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން
  • މާލެ ސަރަހައްދުގައި ތޮށި މަތިން މަސްބޭނުމަށް ހާއްސަ ޕްލެޓްފޯމްތައް ގާއިމުކުރުން
  • ކާނިވާ ސަރަހައްދުގައި ޕާމަނަންޓް ކާނިވަލެއް ތަރައްގީކުރުން
  • މާލެ ސަރަހައްދުގައި ޝޮޕިން މޯލްތައް ގާއިމުކުރުން
  • މާލެ ސަރަހައްދުގައި ފެންވަރު ރަނގަޅު ޗައިލްޑްކެއާ ހިދުމަތްތައް ގާއިމުކުރުން
  • ސިޓީ ސަވައިލަންސް ނިޒާމު ގާއިމުކުރުން