މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ ޓޭބަލް ޓެނިސް އަންހެން ސިންގަލް ފައިނަލުގައި މި ފަހަރުވެސް ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި އައިޝަތު ރަފާ ނާޒިމް ވާދަކޮށް، ރާއްޖެއަށް މެޑަލް ހޯދައި ދީފިއެވެ.
މި ފަހަރުގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގެ އަންހެން ސިންގަލްސް އިވެންޓުންވެސް ރަން އަދި ރިހި މެޑަލްވެސް ހޯދީ ރަފާއާއި ދީމާއެވެ. އެފަހަރުވެސް ރަން މެޑަލް ދީމާ ހޯދީ ފައިނަލުގައި ރަފާ ބަލިކޮށްގެންނެވެ.
ޓީޓީގެ ޓީމް އިވެންޓުން އަންހެން ޓީމުން ރަން މެޑަލް ހޯދި އިރު، މިކްސް ޑަބަލްސް އިވެންޓުންވެސް ރާއްޖެއިން ވަނީ ރަން މެޑަލް ހޯދައިފައެވެ. މިކްސް ޑަބަލްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ ރަފާއާއި މުހައްމަދު މުންސިފެވެ. މިކްސް ޑަބަލްސް އިން ރާއްޖޭގެ ދީމާއާއި މުހައްމަދު ޝައްފާންވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ. އޭގެ އިތުރުން މިފަހަރު ޓީޓީ ފިރިހެން ޓީމުންވެސް ރިހި މެޑަލް ހޯދި އިރު، ރަފާއާއި ދީމާ ވަނީ އަންހެން ޑަބަލްސް އިވެންޓުންވެސް ރަން މެޑަލް ހޯދާފައެވެ.
މިއަދު ރާއްޖޭގެ ރަފާއާއި ދީމާ ފައިނަލަށް ދިޔައީ މޮރިޝަސްގެ ކުޅުންތެރިން ބަލިކޮށްފައެވެ. ދީމާ މޮރިޝަސްގެ ކިނޫ ރުގިއްޔާ ބަލިކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-6، 11-3، 11-4 އަދި 12-10 އިންނެވެ. އަނެއްކޮޅުން ރަފާ ސެމީގައި މޮރިޝަސްގެ ޖަލީމް ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. ރަފާ ގެންދިޔަ ސެޓުތައް ގެންދިޔައީ 12-10، 11-6، 11-9 އަދި 11-9 އިންނެވެ. ޖަލީމް ގެންދިޔަ ސެޓު ގެންދިޔައީ 7-11 އިންނެވެ.
ރަފާއާއި ދީމާ މިއަދު ކުޅުނު ފައިނަލު ފޯރިގަދަކޮށް ގޮސް ދީމާ ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ދެ ސެޓު ރަފާ 11-2، 12-14 އިން ގެންގޮސްފައިވާ އިރު، ދެން ޖެހިގެން އައި ހަތަރު ސެޓު ގެންދިޔައީ ދީމާއެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-9، 11-07، 11-8 އަދި 8-11 އިންނެވެ.
މިހާތަނަށް އައިއޯއައިޖީގައި ރާއްޖެއިން 21 މެޑަލް ހޯދާފައިވާ އިރު، އެންމެ ކާމިޔާބު ކުޅިވަރަކީ މިފަހަރުވެސް ޓީޓީއެވެ.