ސައުދީ ޕްރޯ ލީގުން ބޮޑެތި ހަރަދުތައްކޮށް ކުޅުންތެރިން ގެންދިޔުމަކީ ޔޫރަޕްގެ ފުޓުބޯޅައަށް ބިރެއް ނޫން ކަމަށް ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ޗެފެރިން ވިދާޅުވެއްޖެއެވެ.

މިދިޔަ ދެ ޓްރާންސްފާ ސީޒަނެއްގައި ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުން ވަނީ ބޮޑެތި ހަރަދުތަކެއްކޮށް، ޔޫރަޕްގެ ތަރިންތަކެއް ގެންގޮސްފައެވެ. ސަރުކާރުގެ ފަންޑިންނާއެކު ކްލަބުތަކުން ބޮޑެތި ޓްރާންސްފާތައް ކުރަމުން އަންނައިރު، ކްރިސްޓިއާނޯ ރޮނާލްޑޯއާއި ސަޑިއޯ މާނޭގެ އިތުރުން އެންގޯލޯ ކަންޓޭ، ކަރިމް ބެންޒެމާގެ އިތުރުން ނޭމާ ފަދަ ކުޅުންތެރިންވެސް މިހާރު ކުޅެމުން އަންނަނީ ސައުދީ ލީގުގެ ކްލަބުތަކަށެވެ.

އެ ހުރިހާ ކުޅުންތެރިންވެސް ސައުދީއަށް ގޮސްފައި ވަނީ ދުނިޔޭގެ ރެކޯޑު މުސާރަތަކުގައެވެ. މީގެ ކުރިން އެގޮތަށް ބޮޑެތި މުސާރަތަކުގައި ކުޅުންތެރިން ގެންގޮސްފައި ވަނީ ޗައިނީސް ސުޕަ ލީގުންނެވެ. އެ ޕްރޮޖެކްޓަކީ ޗައިނާއިން ވޯލްޑް ކަޕަށް ކޮލިފައިވެ، ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދަން ކުރި މަސައްކަތްތަކެއް ނަމަވެސް، އެ ލީގަށް މާ ބޮޑު ކުރިއެރުމެއް ނައިސް، މިހާރު ވަނީ އުސޫލުތައްވެސް ބަދަލުކޮށްފައެވެ. އެގޮތުން މުސާރަ ކެޕް ކުރި ހިސާބުން ޗައިނާގެ ޓްރާންސްފާތައްވެސް ވަނީ މަޑު ޖެހިފައެވެ.

ސައުދީގެ ޓްރާންސްފާތަކާ ގުޅޭގޮތުން ޗެފެރިން ވިދާޅުވީ ފުޓުބޯޅަ ކުރިއަރުވާނީ ބޮޑެތި މުސާރަތަކުގައި ވެޓެރެންސް ކުޅުންތެރިން ގެންގޮސްގެން ނޫން ކަމަށެވެ.

"ސައުދީ ލީގަކީ ޔޫރަޕަށް ބިރެއް ނޫން. މީގެ ކުރިން ޗައިނާއިންވެސް މިއަދު ސައުދީން އެ ފެންނަ މަންޒަރު ފެނުނު. ޗައިނާއިންވެސް ރިޓަޔާވާން ދިޔަ ކުޅުންތެރިން ބޮޑެތި މުސާރަތަކެއްގައި ގެންދިޔަ. އެހެންނަމަވެސް އެންމެފަހުން ފެނުނީ އެކަމުން ފުޓުބޯޅަ ކުރި ނާރާތަން. އަދި ވޯލްޑް ކަޕަށްވެސް ޗައިނާއެއް ނުދިޔަ،" ޗެފެރިން ރޭ ވިދާޅުވިއެވެ.

ސައުދީން ބޮޑެތި ހަރަދުތަކެއް ފުޓުބޯޅައަށް ކުރަމުން އަންނައިރު، އެގައުމުގެ ފުޓުބޯޅައިގެ ޑިރެކްޓަރަކީ މައިކަލް އެމިލިއާނޯ އެވެ. ޔޫރަޕްގެ ގިނަ ކްލަބުތަކެއްގައި ރަނގަޅު މަސައްކަތްތަކެއް ކުރި އެމިލިއާނޯއާއެކު ސައުދީން ބުނަމުން އަންނަނީ ފުޓުބޯޅައިގެ ކާމިޔާބު ދުރު ރާސްތާ ޕްލޭނެއް އެ ގައުމުގައި އެބައޮތް ކަމަށެވެ.

ޗެފެރިން އިތުރަށް ރޭ ވިދާޅުވީ ސައުދީއަށް ދަނީ ރިޓަޔާވުމަށް ވިސްނާ، އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ދޫކޮށްލަން ވިސްނާ ކުޅުންތެރިން ކަމަށާއި، އެ ލީގަށް ދާ ކުޅުންތެރިންނަށް ދުނިޔޭގެ ސަމާލުކަންވެސް ގެއްލޭނެ ކަމަށެވެ. އޭގެ އިތުރުން ޗެފެރިން ވަނީ ސައުދީ ލީގުގެ ކްލަބުތަކަށް ޔޫއެފާ މުބާރާތްތަކުން ޖާގަ ދޭން އުޅޭ ކަމަށް ދެކެވޭ ވާހަކަވެސް ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ ޔޫރަޕްގެ މުބާރާތްތައް ބާއްވައި، ބައިވެރިވެވޭނީވެސް ޔޫއެފާގެ ކްލަބުތަކަށް އެކަނިކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.