އަންނަ ސެޕްޓެމްބަރުމަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެއްބުރުން ކާމިޔާބު ކުރައްވައިފިކަން، ވާދަވެރި ކެންޑިޑޭޓުން ގަބޫލުކުރައްވައިފައިވާކަމަށް އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެ މަނިކުފާނުގެ އުފަން ރަށް ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކައްދައްކަވަމުން އިމްރާން ވިދާޅުވީ، އޭނާ ގެންދަވަނީ ވާދަވެރި ކެންޑިޑޭޓުންގެ ކެމްޕޭން ކުރިއަށްދާ ގޮތާއި ރައީސް ސޯލިހުގެ ކެމްޕޭން ކުރިއަށްދާ ގޮތް ގާތުން ބަލަމުން ކަމަށެވެ.
"މިއަދު މިހާ ހިސާބަށް އައިއިރުގެ އަޅުގަނޑުމެންނަށް ވަރަށް ރީތިކޮށް އެބަ އެނގޭ އެ ހުރިހާ ކެންޑިޑޭޓުންނަށް އެނގިއްޖޭ، އަޅުގަނޑުމެން އެއްބުރުން ހޮވޭކަން، އެނގިއްޖެ އެއްބުރުން ހޮވޭކަން. އެހެންވެގެން އެ ބޭފުޅުން މޮޅިވެ ކަންބޮންޑުވެއްޖެ. ވަރުބަލިވެގެން މަޑުޖެހިއްޖެ، ދަތުރުތައް ބައެއް ބޭފުޅުން ހުއްޓާލައްވައިފި އަދި ބައެއް ރަށްރަށަށް ހަރަދުކުރުން ހުއްޓާލައިފި، ބައެއް ރަށްރަށުގެ ބަޖެޓު އެއްކޮށް ކަނޑާލައިފި" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، މީގެ ކުރިން އެތަކެއް ވެރިން ވަނީ ވެރިކަން ކުރައްވާފައި ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތާއި ތަރައްގީ ލިބެން ފަށައިފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރުގައި ކަމަށެވެ. ރައީސް ސޯލިހު ކުޑަރަށެއް ބޮޑުރަށެއް ނުބަލައި، ރަށްތަށް ތަރައްގީ ކޮށްދެއްވަމުން ގެންދަވަނީ އެ މަނިކުފާނަކީ ކުޑަ ރަށަކަށް ނިސްބަތްވާ ބޭފުޅަކަށްވުމުން ރަށްރަށުގެ އިހުސާސް ދަންނާތީ ކަމަށެވެ.
ރައީސް ސޯލިހު ވަނީ މަޖިލީހުގައި ފަސް ދައުރު އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އެއް ދައުރު އަދާކޮށް، މިހާރު ރައީސް ސޯލިހު އެ ދަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވާންކަމަށް އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހު މަޖިލީހުގެ ފަސް ދައުރަށް އިންތިހާބުވެވަޑައިގަތީ ރައްޔިތުންގެ އިހުސާސް ދަންނަ ބޭފުޅަކަށްވުމުން ކަމަށެވެ. އެކަން މުޅި ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާތީ އެ މަނިކުފާނު ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވާނެކަމަށް އިމްރާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު