ޚަބަރު

ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކުރިން މީހުން ދިރިއުޅުނު އަދި މިހާރު ފަޅު ރަށެއްގެ ގޮތުގައި އޮތް ނ. ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފައިވާ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މީގެ ކުރިން 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން މިދިޔަ އަހަރު ސިވިލް ކޯޓުން އެންގީ އެރަށް، 21 އަހަރަށް ބަޔަކަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓުގައި ދައުވާކުރި މައްސަލަ ނިމެންދެންނެވެ.

އެ އަމުރު ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ. ހައިކޯޓުގެ ހުކުމުގައި ވަނީ، ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވުމަކީ މައްސަލަ ނިމޭ ގޮތަކުން ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވެގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން، ބީލަމުގެ އުސޫލުން އެހެން ބަޔަކަށް އެތަން ދީފައި ވަނިކޮށް މައްސަލަ ނިމޭގޮތަކުން ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ވެސް އެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތް މި މައްސަލައިގެ އަޑުއެހުމުގައި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން ދައުލަުގެ ވަކީލު ވިދާޅުވީ، ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަމެއް ކަމަށެވެ. އަދި ތޮޅެންދޫ އަކީ އެ އަތޮޅު އެއްވެސް ރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނިފައިވާ ރަށަކަށް ނުވާތީ އެރަށް ކުއްޔަށް ދިނުމަށް ދައުލަތުން ކުރި އިއުލާނާ ގުޅިގެން އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ވިދާޅުވިއެވެ.

ވަކީލް ވިދާޅުވީ، ރަށްރަށުގެ އިހުތިސާސް ލިބެނީ ރަށު ކައުންސިލްތަކަށް ކަމަށާއި އަތޮޅު ކައުންސިލަކީ، ރަށެއްގެ އިހުތިސާސް ލިބޭގޮތަށް އުފައްދާފައިވާ އިދާރާއެއް ނޫން ކަމަށެވެ. އެހެންކަމުން އެރަށް ކުއްޔަށްދިނުން ހުއްޓުވުމަށް ނެރެފައިވާ ކޯޓު އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަކުރެއް ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިވަޑައިގެންނެވިއެވެ.