ރޭސިން ޓްރެކެއް އަޅަން ޔޫތް މިނިސްޓްރީއަށް ތިލަފުށިން ބިމެއް ދީފިއެވެ.
އާބަންކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ބިން ދިނުމުގެ އެއްބަސްވުމުގައި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މޭނެޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަޒްމޫން އަހުމަދެވެ. މި ރަސްމިއްޔާތުގައި ރޭސިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝާމިހުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާބަންކޯއިން ބުނި ގޮތުގައި، ރޭސިން ޓްރެކް އަޅަން 10 ހެކްޓަރުގެ ބިމެއް ދިނީ ތިލަފުށި ފޭސް ދޭކުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާތިފު ވިދާޅުވީ، ރޭސިން ޓްރެކެއް އެޅުމަކީ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެވަޑައިގެންނެވި ވައުދުފުޅެއް ނޫން ކަމަށާއި އެފަދަ ޓްރެކެއް އެޅުމަށް އާބަންކޯއިން ރޭސިން އެސޯސިއޭޝަނާއި ޔޫތް މިނިސްޓްރީއާ މަޝްވަރާތަކެއް ކުރަމުން އައިސްފައިވާ ކަމަށެވެ.
އަދި ރޭސިން ޓްރެކެއް އެޅުމުން ރާއްޖޭން ދުނިޔޭގެ ފެންވަރުގެ ރޭސިންގައި ބައިވެރިވުމަށް ފުުރުސަތުތައް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާމިހު ވިދާޅުވީ، ރޭސިން ޓްރެކުގައި ހަމައެކަނި ރޭސް ޖެހުމުގެ ބަދަލުގައި މޮޓޯ ސްޕޯޓްސްގެ އެކި ޑިސިޕްލިންތައް ކުޅެވިގެންދާނެ ކަމަށެވެ. އަދި އާބަންކޯއިން އިސްނަގައިން ރޭސްކުރަން ބޭނުންވާ މީހުންނަށް ރޭސިން ޓްރެކެއް އެޅުމަށް ބިމެއް ކަނޑައަޅައިދިން ކަމަށްޓަކާ އޭނާ ޝުކުރު އަދާކުރެއްވިއެވެ.
އަޒްމޫން ވިދާޅުވީ، މިއަދުގެ ސަރުކާރުގެ ސިޔާސަތަކީ ވަކި ކުޅިވަރެއް ބާކީނުކޮށް ހުރިހާ މީހުންނަށްވެސް ކުޅިވަރުގެ މައިދާނުގައި ލިބެން ހުރި ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި ބައިނަލްއަގުވާމީ ކުޅިވަރުތަކުގައި ދިވެހިންނަށް ފުރުސަތު ލިބޭނެ ހުރިހާ ގޮތްތަކެއް މި ސަރުކާރުން ހޯދައިދެމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު