އައްޑޫ ސިޓީ މަރަދޫގައި ކަތުރެއް ހަރައި އެއްބަނޑު އެއްބަފާ ބޭބެ، އަހުމަދު ޝުއައިބު، 27، ބްލޫސްޓާ، މަރަދޫފޭދޫ މަރާލި ކަމަށް، އޭނާގެ ކޮއްކޮ ހުސައިން މަވާޒް، 25، ބްލޫސްޓާ ރޮމުން މިއަދު ކޯޓުގައި އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މަރަދޫގައި ދެބެންގެ ދެމެދު ހިނގި އަރާރުމެއްގެ ތެރެއިން ޝުއައިބު މަރާލާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭނާ މަރާލި ކަމުގެ ތުހުމަތުވާ މަވާޒް އަމިއްލައަށް ފުލުހުންނާ ހަވާލުވުމުން އޭނާ ހައްޔަރުކޮށް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މަވާޒްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
މަވާޒް ވަނީ ތަހުގީގު މަރުހަލާގައި ދައުލަތާ އެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފައެވެ. އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން މަވާޒަށް ކަނޑައަޅަން ދައުލަތުން ބޭނުންވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ އިއުތިރާފުވުމުން ކުށުގެ އަސާސީ އަދަބު ކަމަށްވާ ދިހަ އަހަރުން އެއް ދަރަޖަ ލުއިވުމާއި އޭނާގެ އިތުރު ކުށުގެ ރެކޯޑްތައް އޮތަތީ އާއި މީހެއް މަރުވުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގާފައިވުމުން އަސާސީ އަދަބުން ދެ ދަރަޖަ މަތިވުމުންނެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައިގެ ދައުވާއަށް ޖަވާބުދާރީވުމެވެ.
މިއަދުގެ އަޑުއެހުމުގައި ރޮމުން ވާހަކަ ދައްކަމުން މަވާޒް ބުނެފައިވަނީ އޭނާ ކުށަށް އިއުތިރާފުވާ ކަމަށާއި ބޭބެ މަރާލެވުމުން ދެރަވެ ހިތާމަކުރާ ކަމަށެވެ. އަދި ތައުބާވެފައިވާ ކަމަށާއި އެދެނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް ކަމަށެވެ. އަދި ކުރިއަށްދާން ބޭނުންވަނީ އިއުތިރާފު އެއްބަސްވުމާއެކުގައި ކަމަށް ބުނެ ބޭބެ މަރާލި އިރު، ކަންކަން ހިނގާދިޔަ ގޮތް އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ކިޔައިދީފައެވެ.
މަވާޒް ބުނި ގޮތުގައި ބޭބެ މަރާލީ، ބޭބެގެ ފޯނު އޭނާ ވިއްކާލުމުން ދެ ބެންގެ މެދުގައި އުފެދުނު އަރާރުމެއްގެ ތެރޭގައި ކަމަށެވެ. އަދި އަރާރުމުގެ ތެރެއިން އޭނާގެ ބޭބެ، އޭނާ ފާރާ ދިމާލަށް ކޮށްޕާލި ކަމަށާއި އެ ވަގުތު އޭނާގެ ޖީބުގައި އޮތް ތިން އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުން އޭނާގެ ބޭބެއަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަމަލާ ދެވުނީ ނާޒުކު ގުނަވަކަށްކަން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.
މަވާޒް ބުނި ގޮތުގައި ބޭބެއަށް ހަމަލާދިން ވަގުތު އޭނާ ހުރީ މަސްތުގެ ހާލުގައެވެ. އަދި ބޭބެ މަރުވިކަންވެސް އެނގުނީ ޖެހިގެން އައި ދުވަހު ކަމަށްވެސް ބުނެފައިވެއެވެ.
މަވާޒް ކުށަށް އިއުތިރާފުވުމުންނާއި އިއުތިރާފު އެއްބަސްވުން ދަމަހައްޓަން އޭނާ ބޭނުންވާތީ ގާޒީ ވަނީ އަވަސް ނިޔާގެ އަޑުއެހުމެއްގެ ގޮތުގައި ކުރިއަށް ގެންގޮސް އޭނާ ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ކަނޑައަޅުއްވައި އޭނާގެ މައްޗަށް އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ނިންމަވައިފައެވެ.
މި މައްސަލައިގައި ދެން އޮންނާނީ އަދަބު ކަނޑައެޅުމަށްޓަކައި އިއުތިރާފު އެއްބަސްވުން ދަމަހައްޓަން ބޭނުންތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް ބާއްވާ އަޑުއެހުމެކެވެ. އެ އަޑުއެހުމަށް ފަހު އަދަބު ކަނޑައެޅުމަށްފަހު އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.
ޚަބަރު
ޚަބަރު