ބަޔަކާ ގުޅިގެން މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އަލީ ޝާހިދު (ސްޓެޕް އައްޔަ) 43އ. ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ،
ކޯޓު އަމުރެއްގެ ދަށުން ސްޓެޕް އައްޔަ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ ދިރިއުޅޭ ވަކިތަނެއް ނޭނގިގެން އޭނާ ހޯދުމަށް މި މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ އޭނާގެ ފޮޓޯއާ ވަނަވަރުވެސް އާންމުކޮށްފައެވެ. ފުލުހުން އެއިރު ބުނި ގޮތުގައި އޭނާ ހޯދަނީ އެ ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަށެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި ސްޓެޕް އައްޔަ ހައްޔަރުކޮށްފައިވަނީ ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް، އަދި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ސްޓެޕް އައްޔަގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އޭނާގެ ބަންދަށް އެ ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި ސްޓެޕް އައްޔަގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މާރާމާރީ ހިންގުމާއި ފޭރުމުގެ ތުހުމަތެވެ.
ކޯޓު އަމުރުގައިވާ ގޮތުން ސްޓެޕް އައްޔަ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށް އެއީ އެހެން ބަޔަކު ކުރި ކަމެއް ކަމަށާއި އެތަން ހިނގިތަނެއް ދެވުނީ އެކަން ނިމުނު ފަހުން ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީވެސް އޭނާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި ރަހީނު ކުރި މީހާގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ މީހެއްގެ ކޭޝް ކާޑު ސްޓެޕް އައްޔަގެ އަތުން ފެނިފައިވާ ކަމަށެވެ.
ކުރިން ފުލުހެއްގެ ވަޒީފާގައި އުޅުނު ސްޓެޕް އައްޔަ ވަނީ ފަހުން ނެށުމުގެ ދާއިރާއަށް ނުކުމެފައެވެ. އެ ފަހުން ޕީޕީއެމްގެ ގުޅިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުމަށްފަހު މިހާރު އުޅެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފެއްދެވި އެމްޓީޑީގައެވެ
ބަޔަކާ ގުޅިގެން މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްޓެޕް އައްޔަގެ ބަންދަށް 15 ދުވަސް ޖެހިއިރު، 21 މެއި 2022 ވަނަ ދުވަހުވެސް އޭނާ ހޯދުމަށް ފުލުހުން ވަނަވަރު އާއްމުކުރިއެވެ. އެއިރު ފުލުހުން އޭނާ ހޯދަމުން ގޮސްފައިވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު