ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާން ކުރައްވައިފިއެވެ.
ރައީސް އެކަން އިއުލާން ކުރެއްވީ އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިއަދު ތިނަދުއަށް ވަޑައިގެން އެ ސިޓީގައި މިރޭ ބޭއްވި ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ, އެ މަނިކުފާނު މިއަދު ތިނަދުއަށް ވަޑައިގަތުމުގެ ކުރިން ތިނަދޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ކަނޑައަޅުއްވައި، އެކަމުގެ ގަރާރުގައި ސޮއިކުރައްވާފައިވާ ކަމަށެވެ.
"މިއަދު ރޫހު ވަނީ ފެން މީރު މި ތިނަދޫ ސިޓީއާ އެކީ. ތިނަދޫއަކީ ރާއްޖޭގައި ގާއިމުކުރެވުނު ފަސްވަނަ ސިޓީ. މަރުހަބާ ތިނަދޫ ސިޓީ. ތިނަދޫ ކައުންސިލްގެ ފަރާތުން ތިނަދޫ ސިޓީއަކަށް ހެދުމަށްޓަކައި މިދިޔަ 2022 ވަނަ އަހަރު ފުރަތަމަ އެލްޖީއޭއަށް ހުށަހެޅީ. މި އޮގަސްޓު މަހުވެސް ހުށަހެޅި. އެ ހުށަހެޅި ހުށަހެޅުންތައް އެލްޖީއޭއަށް ހުށަހެޅުމުން ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް އެކަންތައްތައް ހަމަވޭތޯ ބެލުމަށްފަހު އެ ހުރިހާ ކަމެއް މި ސިޓީގައި ހަމަވާ ކަމަށް އަޅުގަނޑަށް ލަފާ ލިބުމުން, މިއަދު އަޅުގަނޑު ވާނީ ފުރަ މާލޭގައި އެ ގަރާރުގައި ސޮއިކޮށްފައި," ރައީސް ވިދާޅުވިއެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާ މިންގަނޑުތަކަކީ:
- ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10,000 (ދިހަހާސް) އަށްވުރެ ދަށްނުވުން.
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން.
- ޓާޝަރީ ހޮސްޕިޓަލެއް ހުރުން.
- ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކުރެވޭނެ މަރުކަޒެއް ގާއިމުވެފައިވުން.
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން.
- ސިޓީގައި ކޮމާޝަލް ހާބައެއްގެ ހިދުމަތް ލިބެންހުރުން.
- ސިޓީގައި ބޭންކެއްގެ ހިދުމަތް ލިބެންހުރުން.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާކަން ރައީސް މިއަދު އިއުލާން ކުރެއްވި އިރު، ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ނަމަވެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް އެ މަނިކުފާނުގެ ވާދަވެރިޔާ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު