މި ފަހަރު ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ޖުމްހޫރީ ޕާޓީއަށް ރައްޔިތުން ނުދީފި ނަމަ، އެ ޕާޓީގެ ބައިވެރިވުން އޮވެގެން ގެނައި ސަރުކާރުތަކުން ހެދި ގޯސްތަކުގެ އިލްޒާމު ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް އަމާޒުނުކުރެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޅ. ނައިފަރަށް މިއަދު ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އަދި މި ސަރުކާރުން ވެސް ހެދި ގޯސްތައް ޖޭޕީއަށް ރައްދުކުރަމުންދާ ކަމަށެވެ.

ގާސިމް ވިދާޅުވީ، ކޮންމެ ފަހަރަކު ޖޭޕީން މަސައްކަތްކޮށްގެން ބަޔަކު ވެރިކަމަށް ގެންނަނީ ހެޔޮ ވެރިކަމެއްގެ އުންމީދުގައި ކަމަށެވެ.

"އެހެންވީމަ މިފަހަރު އަޅުގަނޑަށް ފުރުސަތު ނުދެއްވައިފިއްޔާ ދެން އެ ވާހަކަ (ސަރުކާރުތަކުން ހަދާ ގޯސް ޖޭޕީއަށް ރައްދުކުރުމުގެ ވާހަކަ) ރައްޔިތުން އަޅުގަނޑާ ދިމާއަށް، އެކަކަށްވެސް އެއްޗެއް ބުނުމުގެ ފުރުސަތެއް ދެން ނޯންނާނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ހެދި ގޯސްތައް ރަނގަޅުކޮށް، ގައުމު ދަރުވާނުލައި، ރާއްޖެ އަމާން އައްސޭރިއަކަށް ޖޭޕީގެ ވެރިކަމެއްގައި ގެންގޮސްދޭނެ ކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ، އެމްޑީޕީއާ ޕީޕީއެމް މިހާރު އޮތީ ފެއިލްވެފައި ކަމަށެވެ.