މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގައި ފިރިހެން ހޭންޑް ބޯޅަ ޓީމުން އަދި ވޮލީ ޓީމުން ކުޅުނު މެޗުތަކުންވެސް ބަލިވެ، ގްރޫޕް ސްޓޭޖުން ކަޓައިފިއެވެ.
ހޭންޑްބޯޅަ ފިރިހެން ޓީމުން މިފަހަރުގެ އައިޯއައިޖީގައި ކުޅުނު ފުރަތަމަ މެޗުން ކޮމޮރޯސް އަތުން ބަލިވެފައިވަނީ 32-43 އިންނެވެ. ދެވަނަ މެޗުން މޮރިޝަސް އަތުން ބަލިވީ 28-21 އިންނެވެ. އަދި ތިންވަނަ މެޗުގައި އިއްޔެ މަޑަގަސްކަރާ އަތުން ބަލިވީ 23-42 އިންނެވެ.
ވޮލީ ޓީމުން ގްރޫޕްގެ ފަހު މެޗުގައި އިއްޔެ ނުކުތީ މަޑަގަސްކަރައާ ދެކޮޅަށެވެ. އޭގެ ކުރިން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައި 3-1 ގެ ނަތީޖާއަކުން ރިޔޫނިއަން އަތުން ރާއްޖެ އޮތީ ބަލިވެފައެވެ. އިއްޔެގެ މެޗުންވެސް މަޑަގަސްކަރަ ކައިރިން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.
އިއްޔެ މަޑަގަސްކަރައާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުގެ ފުރަތަމަ ސެޓުގައި ރަނގަޅު ކުޅުމެއް ފެނުނެވެ. ހާއްސަކޮށް އިސްމާއިލް ސާޖިދު (ކުޑަ ކާއްޓު) އާއި އާދަމް ނަސީމް (އެޑަމް)ގެ ރަނގަޅު އެޓޭކްތަކެއް ފެނިގެން ގޮސްފައިވެއެވެ. އެ ސެޓު ރާއްޖެއިން ގެންދިޔައީ 20-25 އިންނެވެ.
ފުރަތަމަ ސެޓުގައިވެސް މަޑަގަސްކަރައިން އެންމެ ބޮޑަށް ނުރައްކާ ކުރީ މެދުން ތަނަވަސްކުރި އަވަސް އެޓޭކްތަކުންނެވެ. އޭގެ އިތުރުން ރަނގަޅު ބްލޮކްތަކަކާ އެކު ޕޮއިންޓް ހޯދަފައިވާ އިރު، ދެން ޖެހިގެން އައި ތިން ސެޓުގައިވެސް ރާއްޖެއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މަޑަގަސްކަރިގެ މެދުން ކުރި އެޓޭކްތައް ނުހުއްޓުވެމެވެ.
ރަނގަޅަށް ޑިފެންސް ނުކުރެވި، އިއްޔެގެ މެޗުގެ ފަހު ތިން ސެޓު މަޑަގަސްކަރައިން ގެންދިޔައީ، 19-25، 20-25 އަދި 21-25 އިންނެވެ.