އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ރަފާއާއި ދީމާ ޑަބަލްސް ރަން މެޑަލް ދިފާއުކޮށްފި، މުންސިފާއި ޝައްފާނަށް ރިހި މެޑަލް

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023ގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓްތަކުން ރަން އަދި ރިހި މެޑަލް ރާއްޖޭގެ ޕެއާތަކުން ހޯދައިފިއެވެ.

އަންހެން ޑަބަލްސް އިވެންޓްގައި އިއްޔެ ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީ ރަން މެޑަލް ދިފާއުކުރިއިރު، ފިރިހެން ޑަބަލްސްއިން މޫސާ މުންސިފް އަހުމަދު އާއި މުހައްމަދު ޝައްފާން އިސްމާއީލް ވަނީ ރިހި މެޑަލް ހޯދައިފިއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައިވެސް ރާއްޖޭގެ ޓީޓީން ތިން މެޑަލް ހޯދާފައިވާ އިރު، މިއަހަރުގެ މިހާތަނަށްވެސް ކުރިން ހޯދި ތިން ރަން މެޑަލް ވަނީ ދިފާއުކޮށްފައެވެ. އެފަހަރުވެސް އަންހެން ޑަބަލްސްއިން ރާއްޖޭގެ ދީމާއާއި ރަފާ ރަން މެޑަލް ހޯދި އިރު، މިފަހަރު ރަން މެޑަލް ހޯދީ އިއްޔެ މޮރިޝަސްގެ ޕެއާއާ ވާދަކޮށްގެންނެވެ. ރަފާއާއި ދީމާ ވަނީ މިއަހަރުގެ މުބާރާތުގައިވެސް ވާދަކުރި ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. ސެމީ ފައިނަލްގައި މޮރިޝަސްގެ ކިނޫއާއި ޑެސްކަންގެ ޕެއާއާ ވާދަކޮށް، ރަފާ އާއި ދީމާ ކުރިހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

ފައިނަލުގައިވެސް ރަފާ އާއި ދީމާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ޕެއާއަކާއެވެ. ހޮސެނެއްލީ އާއި ޖަލިމްގެ ޕެއާ އާ ވާދަކޮށް، ރަފާ އާއި ދީމާ މެޗު ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ޕެއާއިން ސެޓުތައް ކާމިޔާބުކުރީ 11-5، 11-8 އަދި 11-6 ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ޝައްފާން އާއި މުންސިފްގެ ޕެއާ ފައިނަލަށް ގޮސްފައިވަނީ ސީދާ ތިން ސެޓުން މޮރިޝަސްގެ ޕެއާއެއް ބަލިކުރުމަށްފަހުއެވެ. ނަމަވެސް، ފައިނަލް މެޗުގައި މަޑަގަސްކަރައިގެ ޖޮނަތަން އާއި މަހެފާ ލުސިއާނޯ އާވާދަކޮށް، ރާއްޖޭގެ ޕެއާ ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މަޑަގަސްކަރައިގެ ޕެއާއިން ސެޓުތައް ކާމިޔާބުކުރީ 11-9، 11-8 އަދި 11-4 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައިވެސް ރާއްޖޭގެ ދެ ޕެއާ ވަނީ ވާދަކޮށްފައެވެ. އަންހެން ތިންވަނަ ހޮވާ މެޗުގައި މިޝްކާ އާއި ލައިސާގެ ޕެއާ ވާދަކޮށްފައިވާއިރު، ފިރިހެން ތިންވަނަ ހޮވާ މެޗުގައި އަޚްޔަރު އާއި ޒީސްތުގެ ޕެއާ ވަނީ ވާދަކޮށްފައެވެ. ނަމަވެސް، ދެ ޕެއާއަށްވެސް ވަނީ ނާކާމިޔާބުވެފައެވެ.