ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުއްމީދެއް ނެތްކަން ބައެއް ކެންޑިޑޭޓުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ގައުމަށް ހެޔޮ އެދިގެން އެ ބޭފުޅުން އެމްޑީޕީއާ ގުޅުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތ. އަދި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ޕީޕީއެމް އާއެކު ސިޔާސީ މަޝްވަރާއެއް ނުކުރައްވާނެ ކަމަށާއި އެ ޕާޓީއަކީ އެމްޑީޕީގެ ވިސްނުމާ މުޅިން ހިލާފު ވިސްނުމެއްގެ ޕާޓީއެއް ކަމަށެވެ. އެހެންކަމުން އެ ޕާޓީ ނޫން އެހެން ޕާޓީ ތަކާއެކު ސިޔާސީ މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

"(އިދިކޮޅު) ބައެއް ބޭފުޅުންނަށް ގަބޫލުފުޅު ކުރެއްވޭނެ އެ ބޭފުޅުންނަށް ފުރަތަމަ ބުރުގައި އުންމީދެއް ނެތްކަން. މި ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ކެމްޕޭން މި ދަނީކަން އަދި ވޯޓު ރަށްރަށުގައި ބެހިފަ ހުރި ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އެހެންވީމާ މި ގައުމަށް ހެޔޮ އެދޭ، ރައްޔިތުންނަށް ކުރިއެރުމެއް ބޭނުންވާ ބޭފުޅަކު ކަމަށްވަންޏާ އަދިވެސް އެ ބޭފުޅުންނަށް މިއީ ޑިސިޝަން ނެންގެވޭނެ ވަގުތު. ވާހަކަ އެބަ ދެކެވޭ، އަޅުގަނޑު ހިތުން އެ ބޭފުޅުން އެއާ ދޭތެރޭގެ ވިސްނާވަޑައިގަންނަވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއާ ގުޅުނު ރައްޔިތުން މަޖިލީހުގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވައިފައެވެ. އަދި އޭގެ ތެރެއިން ބައެއް މެންބަރުންނާ މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އެ ވަކިވެވަޑައިގެން ތިއްބެވި ބޭފުޅުންނާ، ސިޔާސީ ބައެއް ކަންކަމުގައި ހިޔާލުތަފާތުވި ނަމަވެސް ރާއްޖެ ތަރައްގީ ކުރުމަށް އަޅުގަނޑު ހިތުން އަޅުގަނޑުމެން އަމާޒުހިފާފައި މި ހުރީ ގާތްގަނޑަކަށް އެއް ދިމާއަކަށް،" ރައީސް ވިދާޅުވިއެވެ.