އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ހަރަކާތާ ގުޅިގެން "ވަކިވަކި ގައުމު ތަކާމެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް، ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަމުރު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރަން ހުށަހެޅި މައްސަލައަކީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

އިންޑިއާ އައުޓް ހަރަކާތް ހޫނުވެ، އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައެޅުމާ ގުޅިގެން އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަމުރު ކުރައްވައި ރައީސް ސޯލިހު ގަރާރެއް ނެރުއްވީ 22 އޭޕްރިލް 2022 ގައެވެ.

އެ ގަރާރުގައި ރައީސް ވިދާޅުވެފައި ވަނީ، އިންޑިއާ އާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމަންއަމާންކަން ނަގާލައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ރާއްޖޭގެ އިގުތިސާދީ ރައްކާތެރިކަމާއި އިޖުތިމާއި ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ހާއްސަކޮށް އެ ހަރަކާތަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް، ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަަށްވެސް ވިދާޅުވެފައިވެއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ނުރައްކަލުން ރާއްޖެ ސަލާމަތް ނުކުރެވިއްޖެ ނަމަ، ފޫނުބެއްދޭވަރުގެ ބުރައެއް، ދިވެހި ރައްޔިތުން އުފުލަން ޖެހި، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތުގެ ރައްކާތެރިކަމުގައި ތިބި ބިދޭސީންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ޔަގީންކޮށްދިނުމަށް ދަތިވާނެ ކަމަށެވެ.

ގަރާރުގައި އިތުރަށް ވިދާޅުވެފައި ވަނީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ސަރުކާރުން ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ގާނޫނުލްއުގޫބާތުގެ 124 މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާއި 615 ވަނަ މާއްދާގެ (ހ)ގެ (6) ވަނަ ނަންބަރުގެ ދަށުން އެފަދަ ކަންކަމަކީ ރާއްޖޭގައި ޖިނާއި ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ އަމަލުތަކެއް ކަމުން، ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، ކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އަންގާ ކަމަށް އެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

އެ ގަރާރުން ދައުލަތުގެ އިދާރާތަކުގެ މައްޗަށް ކޮށްފައިވާ އަމުރުތަކަކީ ތަބާވާންޖެހޭ އަމުރުތަކެއް ނޫން ކަމަށާއި އެ އަމުރުތަކަށް ތަބާ ނުވުމަކީ ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި އެއީ ގާނޫނުއަސާސީއާ ހިލާފު ބާތިލު އަމުރުތަކެއް އަދި ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އާއްމު ފަރާތްތަކެއްގެ ގޮތުގައި އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ، "ދިޔަރެސް" ނޫހުގެ މުއައްސިސުން ހިމެނޭ ގޮތަށް ތިން ފަރާތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. ހަނިމާދޫ/ ހަތިފުށި، އަހުމަދު އިބްރާހިމް އާއި ސ. ހިތަދޫ/ ހެޕީ ހާޓް، އަހުމަދު އަޒާން މަރުޒޫގު އަދި ގދ. ނަޑެއްލާ/ އަރައިޝާ، ޝިފްޒާން އަހުމަދެވެ.

ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލައި މިއަދު ކުރެއްވި ހުކުމުގައި ވަނީ، އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާމެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފަށް ނެރެފައިވާ ގަރާރެއް ކަމަށް ހުށަހެޅި ނުކުތާއަކީ ކޯޓުތަކުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދުގެ ދަށުން، ދުސްތޫރީ މައްސަލަތައް ބެލުމަށް ހައިކޯޓަށް ލިބިގެންވާ އިހުތިސޯސްގެ ތަރަހައިގެ ތެރޭގައި ހިމެނޭފަދަ ނުކުތާއެއް ނޫން ކަމަށެވެ.

އެހެންކަމުން އެ ނުކުތާއަކީ ހައިކޯޓުން ކުރިއަށް ގެންގޮސް މައުލޫއީގޮތުން ގޮތެއް ކަނޑައެޅިދާނެ ނުކުތާއެއް ނޫން ކަމަށް ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށްވެސް ހުކުމުގައިވެއެވެ.

ނަމަވެސް އާންމު ގާނޫނުތަކުގެ ދަށުން އަމާން ކަމަށް ގެއްލުން ލިބޭ ވާހަކަތައް ދެއްކުން މަނާކޮށްފައި އެ ގަރާރުގައި އޮންނަ މާއްދާ، ހައިކޯޓުގެ ފަނޑިޔާރު ހުޒެއިފާ މުހައްމަދު އިއްވެވި ހުކުމުގައި ވަނީ ބާތިލުކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސެއިފާ މުހައްމަދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލްއާއި ފަނޑިޔާރު ހަސަން ޝަފީއުއާއި ފަނޑިޔާރު ފާތުމަތު ފަރުހީޒާއެވެ.