އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކި ކުލައެއްގެ ގަލަމުން ނުވަތަ މާކަރަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގައި، ވޯޓުގެ ސިއްރުކަން ގެއްލުވައިލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޝަކުވާ ހުށަހަޅައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އެޑްރެސްކޮށް އެމްއެންޕީން ރޭގެ ވަގުތެއްގައި ފޮނުވި ސިޓީގައި ބުނީ އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭނުގައި ދައުލަތުގެ މުދަލާއި ވަސީލަތްތަކާއި ކައުންސިލްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށާއި އެކަމަކީ މިނިވަން އިންސާފުވެރި، ހަމަހަމަ އިންތިހާބެއް ބޭއްވުމަށް އެޅިފައިވާ ހުރަހެއް ކަމުގައި އެ ޕާޓީން ދެކޭ ކަމަށެވެ.

އެމްއެންޕީން ބުނީ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ އަމަލުތައް ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ކުރަން އުޅޭ ކަމުގެ ޝަކުވާ އެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ.

"އެގޮތުން، އެ ކުންފުނިތަކުގެ އިސްވެރިން އެދޭ ގޮތަށް ވަކި ކުލައެއްގެ މާކަރަކުން ނުވަތަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ އެ ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ،" އެ ސިޓީގައި ބުންޏެވެ.

އެމްއެންޕީން ބުނި ގޮތުގައި އެކަން އެގޮތަށް ހިނގައިފިނަމަ، އެއީ ވޯޓުގެ ސިއްރުކަން ގެއްލިދާ ފަދަ އަމަލެއް ކަމަށާއި އެހެންވެ، އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި އެ ކަންކަމާ މެދު މަޝްވަރާކުރަން ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އެދޭ ކަމަށެވެ.

ވޯޓުގެ ސިއްރުކަން ގެއްލުވައިލަން އުޅޭ ކަމުގެ ތުހުމަތު އެމްއެންޕީން ކުރި އިރު، އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.