ކ. މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 74 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ކޮންކުރީޓް ގާ އެތުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 63,711 ކިއުބިކް މީޓަރުގެ ސަރަހާއްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 28,836 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބަނދަރުގެ 4,414 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމަށްވެސް ހަމަޖެހިފައިވެއެވެ.

މި މަޝްރޫގެ ދަށުން މާފުށިގެ ބަނދަރުގެ 680 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 700 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 374 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 160 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާފުށީ ބަނދަރުގެ 19 މީޓަރު ދިގު ތިން މީޓަރު ފުޅާ ބްރިޖެއް ހެދުމާއި 1,869 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ އަގަކީ 76.48 މިލިއަން ރުފިޔާއެވެ.

މާފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކުރީޓު ގާ އެތުރުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.