ޚަބަރު

140 މީހުންގެ މުންޑުއަށް ރައީސް ދެއްވީ، އާބާދީ ކިތަންމެ ކުޑަޔަސް ބާކީ ނުކުރާނެކަމުގެ ޔަގީންކަން!

ލ. މުންޑޫން އަލީ ރިފްޝާން

ރާއްޖޭގެ އެންމެ ކުޑަ އެއް އާބާދީ ހިމެނޭ މި ރަށަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވުމާއެކު، ރަށުގެ ގިނަ ރައްޔިތުންތަކެއް ރައީސަށް މަރުހަބާ ދެންނެވުމަށް ނުކުތެވެ. އެމްޑީޕީގެ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުންޑޫން ފެނިގެން ދިޔައީ ގާތްގަނޑަކަށް ރަށުގައި ދިރިއުޅޭ މުޅި އާބާދީއެވެ.

ބޯހިމެނުމުން ދައްކާގޮތުގައި މި ރަށުގައި ރަޖިސްޓަރީ ވެފައިވާ އާބާދީއަކީ 143 އަންހެނުންނާއި 148 ފިރިހެނުންނާއެކު ޖުމުލަ 249 މީހުންނެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ 67 އަންހެނުންނާއި 73 ފިރިހެނުންނާއެކު ޖުމުލަ 140 މީހުންނެވެ.

މުންޑޫއަކީ 2004ގެ ސުނާމީގައި ވެސް ބޮޑު ގެއްލުންތަކެއް ވެގެންދިޔަ ރަށެކެވެ. އެ ކާރިސާއާ ގުޅިގެން އާބާދީ މަދުވެގެންދިޔަ އިރު، ގިނަ މީހުން ދިރިއުޅުން ބަދަލުކޮށްފައިވަނީ މި އަތޮޅުގެ އެހެން ރަށްތަކަށެވެ. އެގޮތުން އެންމެ ގިނަ މީހުން ބަދަލުވީ ގަމަށެވެ. އޭގެ ފަހުން ރަށުގައި ދިރިއުޅެމުން ދިޔައީ އުފަން ރަށް ދޫކޮށްފައި ދާން ބޭނުންނުވާ މީހުންނެވެ.

މިއަދު ހެނދުނު މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ދެއްވި އެންމެ ބޮޑު ޔަގީންކަމަކީ އާބާދީ ކިތަންމެ ކުޑަވިޔަސް، ތަފާތުނުކުރައްވާނެ ކަމުގެ ޔަގީންކަމެވެ. އަދި މީގެ ކުރިން 2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މި ރަށަށް ވަޑައިގެންނެވި އިރު، ފެނުނު މަންޒަރު މިހާރު މުޅިން ތަފާތު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަށުގެ އެންމެން ކަހަލައިން ނުކުމެ ދެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރަން. އަޅުގަނޑު 2018 ގައި ވެސް މި ރަށަށް އައިން، އެ ދުވަހު ފެނުނީ އެއްވެސް ދިރިމެއް ނެތް، ހަނަފަސް ރަށެއްގެ ގޮތުގައި. ފެނުނީ އަސާސީ ހިދުމަތްތަކުން މަހުރޫމުވެފައި ތިބި ބައެއް. މުންޑޫ ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އާބާދީ ކިތަންމެ ކުޑަވިޔަސް، ބާކީނުވާނެ ކަމުގެ ޔަގީންކަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މުންޑުއަށް ކުރިއަށް އޮތް ދައުރަށް ވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ބަނދަރު ފުންކޮށް ޒަމާނީ ފެންވަރަށް ހަދައިދިނުމަށާއި ފުޓުބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ހެދުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. އަދި މި ސަރުކާރާއި ކުރީ ސަރުކާރާ އަޅައިކިޔުމަށްފަހު ވޯޓު ދިނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

"ކުރިއަށްއޮތް ރިޔާސީ އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް. ތަފާތުކުރުމެއްނެތި ހިދުމަތް ކޮށްދޭނެ ސަރުކާރެއް އެބަޖެހޭ ހޯދަން. މި ފަސް އަހަރާއި ކުރީ ފަސް އަހަރާ އަޅައިކިޔުމުން މި ސަރުކާރުގެ ތަފާތު ފެނިގެންދާނެ. ވާދަވެރިން ދައްކަމުން އެދަނީ ކުރީގައި ވެސް ދެއްކި ވާހަކަ، ބުނަމުން އެދަނީ ކަންކަަން ކޮށްދޭން ޖެހޭނީ ކުޑަބޮޑު މިނަށް ބަލައިފައޭ. މުންޑޫ ރައްޔިތުން އެއްވެސް މީހަކު ފަހަތަށް ނުޖެހި، އެކީގައި ނުކުމެ އަޅުގަނޑާއި ކޯލިޝަނަށް ވޯޓުދެއްވުމަށް އަޅުގަނޑު އެދެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ސިޔާސީ ލާޑަރެއް ވެސް ދައްކަވާ ވާހަކައަކީ މިނިވަން ދައުލަތެއްގެ ވާހަކަ ކަމަށާއި އެކަމަށްޓަކައި ރާއްޖެއަކީ މިނިވަންކަމާއެކު އުޅޭ ބައެއް އުޅޭ ތަނަކަށްވެ، މިނިވަންކަމާއެކު ހަމަހަމަކޮށް އުޅެވޭނެ ގޮތް ހަދައިދީ، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތަކީ އެއީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.