އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީ: ރަފާއާއި މުންސިފަށް މިކްސް ޑަބަލްސްއިން ތާރީހީ ރަން މެޑަލްއެއް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓްގެ ރަން މެޑަލް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަހުމަދު ހޯދައިފިއެވެ.

ރަފާއާއި މުންސިފް މިއަދު ރަން މެޑަލް ހޯދީ މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލުގައި މަޑަގަސްކަރައިގެ އެއް ނަންބަރު ޕެއާ ކަމަށްވާ ނެޓިވަލް ޖޮނަތަންއާއި ޑިމްބިމްމިހަރަލަނިޓްރާ ހަރޭނާ ކައިރިން 3-1ގެ ނަތީޖާ އަކުންނެވެ. މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ސެޓު މަޑަގަސްކަރަ ޕެއާއިން ވަނީ 9-11 އިން ގެންގޮސްފައެވެ. އެ ސެޓު މަޑަގަސްކަރައިގެ ޕެއާއިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓުން ފެށިގެން ރަފާއާއި މުންސިފްވެސް ފެނުނީ ތަފާތު ރޫހެއްގައެވެ.

މެޗުގެ ދެވަނަ ސެޓު ރަފާއާއި މުންސިފް 11-8 އިން ގެންދިޔަ އިރު، އެ ސެޓާއި ފޯމު ރަނގަޅުކޮށް، އަނެއް ދެ ސެޓު ގެންދިޔައީ 11-7 އަދި 11-5 އިންނެވެ.

މިއަދުގެ މިކްސް ޑަބަލްސް އިވެންޓްގައި ރަފާއާއި މުންސިފް ފައިނަލަށް ދިޔައީ ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި މުހައްމަދު ޝައްފާން އިސްމާއިލް ބަލިކޮށްފައެވެ. އެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗު ރަފާއާއި މުންސިފް ކާމިޔާބުކުރީ 3-2ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ބަލިވި ނަމަވެސް ދީމާއާއި ޝައްފާން ބްރޯންޒް މެޑަލް މެޗަށް ނުކުމެ، މަޑަގަސްކަރައިގެ ޜަންޑްރިއަންޓޮއާންޑްރޯ މެހްފާއާއި ރަހަރިޖާނޯ ސަންޓަރިނިއައައިނާ ސީދާ ތިން ސެޓުން ބަލިކުރިއެވެ.

ދީމާއާއި ޝައްފާން ސެޓުތައް ގެންދިޔައީ 11-5، 11-8 އަދި 11-7ގެ ނަތީޖާ އަކުންނެވެ.

މިއީ ޓޭބަލް ޓެނިހުގެ ތާރީހުގައި ރާއްޖެއަށް މިކްސް ޑަބަލްސް މެޑަލްއެއް ލިބުނު ފުރަތަމަ ފަހަރެވެ. މިއަދު މިކްސް ޑަބަލްއިން ދެ މެޑަލް ހޯދައި، ދެ ޕެއާއިންވެސް ވަނީ ތާރީހު ލިޔެލައިފައެވެ.