ކ. ދިއްފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަޝްރޫގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ، މަޝްރޫގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ބިން ހިއްކުމަށް ބޭނުން ކުރާ މަސައްކަތުގެ ތަކެތި ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެރަށުގައި 22.97 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 710 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. އަދި 300 މީޓަރުގެ ރިވެޓްމެންޓް މަރާމާތު ކުރުމާއި 670 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން 270 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 157.33 މިލިއަން ރުފިޔާއަށެވެ.

ހައުސިން މިނިސްޓްރީން މި މަޝްރޫ ކުރިއަށްގެންދަނީ ރާއްޖޭގެ ޑޮމެސްޓިކް ބަޖެޓްގެ ދަށުންނެވެ. ދިއްފުށި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ އެމްޓީސީސީއާ ހަވާލުކުރީ 450 ދުވަހުން ނިންމާ ގޮތަށެވެ. މި މަޝްރޫއު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހުއެވެ.