މާލޭ ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ ދަތިކަމަށް ހައްލު ގެނައުމަށް، ގޯތި ދިނުމަށް ސަރުކާރުން ހިންގާ 'ބިންވެރިޔާ' ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ މީހުން ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުން މިއަަދުން ފެށިގެން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ކުރިއަށް ދާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ގޯތި ލިބޭ ފަރާތްތަކުން ހާޒިރުވާނެ ދުވަހާއި ގަޑި އެ މިނިސްޓްރީން އަންގަމުން ގެންދާނެ ކަމަށެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ އެންމެންގެ މެދުގައި ގުރުނަގައި ނިމިފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެންމެންގެ މެދުގައި ގުރުއަތު ނަގައި ނިމުމުން، ގޯތި ކެނޑުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

ގޯތި ލިބޭ ފަރާތަކުން ގޯއްޗާ ހަވާލުވުމަށާއި ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަދަލުގައި އެހެން ފަރާތެއް އައްޔަނުކުރާ ނަމަ، "'ގެދޮރުވެރިން ޕޯޓަލް'" ގައި އެޓޭޗްކޮށްފައިވާ 'ޕަވާ އޮފް އެޓާނީ' ފުރިހަމަ ކުރަންޖެހެއެވެ. އިއުލާނުގައި ބުނީ ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގެ ނަމޫނާ އާއި ޕަވާ އޮފް އެޓާނީ މިއަދުން ފެށިގެން 'ގެދޮރުވެރިން ޕޯޓަލް' އިން ފެންނަން ހުންނާނެ ކަމަށެވެ.

ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުން ގެންދަން ޖެހޭ ތަކެތީގެ ތެރޭގައި، ގޯތި ލިބޭ ފަރާތްތަކުގެ އައިޑީ ކާޑުގެ ކޮޕީ، ބަދަލުގައި ސޮއި ކުރާ ފަރާތެއް ނަމަ، ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އައްޔަނުކޮށްފައިވާ ޕަވަ އޮފް އެޓާނީގެ އަސްލު، އަދި އެ މީހެއްގެ އައިޑީ ކާޑުގެ ކޮޕީ ގެންދަން ޖެހޭނެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރުތު ހަމަވި 19،639 މީހުންނަށް ޖުމްލަ 9،003 ގޯތި ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ އިތުރުން ގުޅިފަޅު އަދި ގިރާވަރުފަޅު ހިއްކައިގެންނެވެ.

ސަރުކާރުން ނިންމާފައިވަނީ ހުޅުމާލެ އިން 1،351 ގޯއްޗާއި، ގުޅިފަޅުން 2،219 ގޯއްޗާއި، ގިރާވަރުފަޅުން 5,433 ގޯތި ދިނުމަށެވެ. ގޯތި ދޫކުރުމަށް ހުޅުމާލެއިން 26 ހެކްޓަރު, ގުޅީފަޅުން 42 ހެކްޓަރު އަދި ގިރާވަރުފަޅުން 73 ހެކްޓަރު ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.