• މަޑަގަސްކަރައިން މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ގެ ފިރިހެން ބެޑްމިންޓަން ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ, އެއްވަނަ ޓީމްގެ ގޮތުގައި ރާއްޖޭގެ ފިރިހެން ބެޑްމިންޓަން ޓީމް ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.

ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން މިއަދު ކުޅުނީ މަޑަގަސްކަރައާއި މަޔޮޓްއާ ދެކޮޅަށެވެ.

މިއަދު ހެނދުނު ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މަޑަގަސްކަރަ ބަލިކުރީ 4-1 އިންނެވެ. އެ މެޗުގެ ފުރަތަމަ ސެޓުން ރާއްޖޭގެ ޒަޔާން ޝާހިދު ޒަކީ ބަލިވީ ހޫލިއޯ ރަންޑްރިއަމަލާލާ އަތުން 2-1 އިންނެވެ. މެޗުގެ ފުރަތަމަ ސެޓް 21-18 ން ޒަޔާން ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓް މަޑަގަސްކަރަ ކުޅުންތެރިޔާ ގެންދިޔައެވެ. އެއީ 21-14, 21-16 ނެވެ.

ދެވަނައަށް ކުޅެން ނުކުމެ ނިބާލް އަހުމަދު ވަނީ ސީދާ ދެ ސެޓުން މާކް ހާޖާ ވޮންޖިނިރީނާ ބަލިކޮށްފައެވެ. އެއީ 21-16, 21-13 ނެވެ. ތިންވަނަ މެޗުގައި މުހައްމަދު އަޖުފާން ރަޝީދު ވަނީ ރަހަރީ ރަމަނަނާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. އެއީ 21-17, 22-20 ނެވެ. ފުރަތަމަ ޑަބަލްސް މެޗުގައި އަޖުފާންއާއި ނިބާލް ނުކުމެ ސީދާ ދެ ސެޓުން ބަލިކުރީ މާކްއާއި ހޫލިއޯއެވެ. އެއީ 23-21 އަދި 21-15 ނެވެ.

ފަހު މެޗުގައި ޒަޔާންއާއި މުޙައްމަދު ތޯއިފް ނުކުމެ ބަލިކުރީ ރިއާނާ އާއި ރަހަރީގެ ޕެއާއެވެ. އެއީ 21-17, 21-16 ނެވެ.

މެންދުރު ފަހު ދެވަނަ މެޗުގައި ރާއްޖެއިން ކޮމޮރޯސް ބަލިކުރީ 5-0 ނެވެ. ފުރަތަމަ ނިބާލް ކުޅެން ނުކުމެ ކޮރެންޓިން ލެޕޮއިވާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފަސޭހަކަމާއެކު 21-5, 21-3 ނެވެ. ތޯއިފް ވަނީ ކޮލިން ގަލޮޓް 2-1 ސެޓުން ބަލިކޮށްފައެވެ. މި މެޗުގައި ގެއްލުނު ހަމަ އެކަނި ސެޓަކީވެސް މިއީއެވެ. ތޯއިފް ސެޓްތައް ގެންދިޔައީ 21-16, 19-21 އަދި 21-7 ނެވެ. ރިޝްވާން ޝިޔާމް ވަނީ ސީދާ ދެ ސެޓުން ގުއިލާމް ޖޭ ބޯރެލް ބަލިކޮށްފައެވެ.

ސެޓްތައް ގެންދިޔައީ 21-3, 21-8 ނެވެ. ފުރަތަމަ ޑަބަލްސްގައި ޒަޔާންއާއި ނިބާލް ނުކުމެ ކޮލިން ގަލޮޓް އަދި ކޮރެންޓިން ބަލިކުރީ ސީދާ ދެ ސެޓުންނެވެ. އެއީ 21-8, 21-12 ނެވެ. އަޖުފާންއާއި ތޯއިފް ނުކުމެ ބަލިކުރީ މަތިއު އާއި އެމަނުއެލް އެކްސް ރޮޒާންޑްއެވެ. އެއީ 21-6, 21-9 ނެވެ.

ސެމީފައިނަލްގައި ފިރިހެން ޓީމް ވާދަކުރާނީ އާދިއްތަ ދުވަހުއެވެ.

މިއަދު އަންހެން ބެޑްމިންޓަން ޓީމުންވެސް ވަނީ ރިޔޫނިއަން ބަލިކޮށް، ފެށުން ރަނގަޅުކޮށްފައެވެ.

ރާއްޖެއިން ރިޔޫނިއަން ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ރާއްޖޭގެ ޓީމަށް ގެއްލުނީ އެންމެ ސެޓެކެވެ. ފުރަތަމަ ސިންގަލްސްގައި ފާތިމަތު ނަބާހާ ނުކުމެ ސީދާ ދެ ސެޓުން ބަލިކުރީ އެސްޓެލެ ލެޕާލާއެވެ. އެއީ 21-13, 21-10 ނެވެ.

ދެވަނަ ސިންގަލްސްގައި އާމިނަތު ނަބީހާ ވަނީ ސީދާ ދެސެޓުން މަރީނާ ބިއެއްލެ ބަލިކޮށްފައެވެ. ސެޓްތައް ގެންދިޔައީ 21-14, 21-14 ނެވެ. ތިންވަނަ ސިންގަލްސް އަށް ނުކުތީ މައިސާ ފަތުހުالله އިސްމާއީލް އެވެ. އެމިލީ ގުރޮންޑިން އަތުން މޮޅުވީ ފަސޭހަ ކަމާއެކުއެވެ. އެއީ 21-6, 21-13 ނެވެ. ޑަބަލްސްގައި ނަބާހާއާއި ނަބީހާ ފުރަތަމަ ނުކުމެ ލީ ހޯއާއި ވާޖިނީ ޓެސާން 21-5, 21-12 ން ބަލިކޮށްފައެވެ.

ޑަބަލްސްގައި މައިސާ ނުކުތީ އައިޝަތު އަފްނާން ރަޝީދުއާ އެކުއެވެ. މެޗު ރީޔޫނިއަން ޕެއާ ކާމިޔާބުކުރީ 2-1 ސެޓުންނެވެ. އެއީ 24-22, 15-21 އަދި 21-09 ނެވެ.

އާދިއްތަ ދުވަހުގެ މެޗުތަކަށްފަހު އަންހެން ޓީމަށް ރަން މެޑަލް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އަންހެން ޓީމްގެ މެޗުތައް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ އުސޫލުންނެވެ.