ސްޕެނިޝް ލަލީގާ

ބެލިމްހަމްގެ ގޯލުން މޮޅުވެ ރެއާލްއިން މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފި

އިންގްލެންޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމް ޖެހި ގޯލުން ސެލްޓަ ވީގޯ ބަލިކޮށް، ރެއާލް މެޑްރިޑުން ލީގުގައި މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

ރެއާލްއިން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ސެލްޓާ ވީގޯ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ރެއާލްއިން ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދަން އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، އެޓީމުން ލީޑު ނަގަން ކުރި މަސައްކަތް ކާމިޔާވީ މެޗުގެ ފަހު ކޮޅުގައެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ބެލިންހަމްއެވެ. އެ ގޯލަކީ މި ސީޒަނަށް އަލަށް ރެއާލްއާ ގުޅުނު ބެލިންހަމް އެޓީމަށް ޖަހައިދިން ހަތަރުވަނަ ގޯލެވެ. ބްރޫޝިއާ ޑޯޓުމަންޑުން 88.5 މިލިއަން ޕައުންޑަށް ރެއާލްއާ ގުޅުނު އިނގިރޭސި މިޑްފީލްޑަރު މިހާތަނަށް ރެއާލްގައި ފެނުނީ ފޯމު ރަނގަޅުކޮށެވެ.

ރޭގެ މެޗު ފެށިގެން ތިންވަނަ މިނެޓުގައި ސެލްޓަ ވީގޯގެ ޖޯގެން ސްޓްރޭންޑް ފޮނުވާލި ހަމަލާ ގޯލަށް ވަން ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. ވީއޭއާރް އެހީގައި ރެފްރީ ނިންމީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި އިވާން ވިލާ، ރެއާލްގެ ކީޕަރު ކެޕާ އަރީޒާބަލާގާއަށް ފައުލް ކުރި ކަމަށެވެ.

ފުރަތަމަ ހާފުގެ ބާކީ ބައިގައިވެސް ރެއާލްއަށް އެޓީމުގެ އަސްލު ފެންވަރު ދައްކަން އުނދަގޫތަކެއް ދިމާވެފައިވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ރެއާލްއަށް ލިބުނު ޕެނަލްޓީއެއްގައި ރޮޑްރީގޯ ފޮނުވާލި ބޯޅަ ސެލްޓަ ވީގޯގެ ގޯލްކީޕަރު މަތަކުރިއެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ރެއާލްއިން ލީޑު ނެގީ ޖޮސެލޫ ނަގައިދިން ހުރަސް، ބެލިންހަމް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

ރޭގެ މެޗުގެ ފަހު މިނެޓު ކޮޅުގައި ރެއާލްގެ ވިންގް، ވިނީޝިއަސް ޖޫނިއާއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ. ބެ؛ލެވޭ ގޮތުގައި އޭނާއަށް އަނިޔާވި ފަލަމަސްގަނޑަށެވެ.