ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވަން ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

ޝިޔާން ރޭ ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރައްވައި ފޯމު އެ ޕާޓީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވައިފައެވެ.

ޝިޔާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަޣުލަބިއްޔަތަކާ އެކު ރައީސް ސޯލިހް މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ދާއިރާ އާއި މުޅި ރާއްޖޭގެ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް އަޅުގަނޑުގެ ވިސްނުން ބަދަލުކޮށް އެމްޑީޕީއާ އަލުން ގުޅިއްޖެއިން،" ޝިޔާން ވިދާޅުވިއެވެ.

ނަޝީދަށް ވަރަށް ބޮޑަަށް ތާއީދު ކުރައްވާ އެ މަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުންގެ ތެރޭގައި ހިމެނޭ ޝިޔާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި އެމްޑީޕީގެ 13 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.

އެމްޑީޕީން ވަކިވުމަށްފަހު ޝިޔާން ގެންދެވީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ސޯލިހު ނޫން ގޮތެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޝިޔާން އިއްޔެ އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، މަޖިލީހުގެ ކުޅުދުއްފުށީގެ ދާއިރާގެ މެމްބަރު ޔާސިރު ލަތީފުވެސް ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.