އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ލުޓޮން ޓައުން ކައިރިން މޮޅުވެއްޖެއެވެ.
ޗެލްސީ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ހޯދި މޮޅަކީ މި ސީޒަނުގެ ލީގުގައި ޗެލްސީން ގޯދި ފުރަތަމަ މޮޅެވެ. އަދި ރޭ ހޯދި މޮޅަކީ ޗެލްސީއަށް މި ސީޒަނަށް ގެންދިޔައި އާ ކޯޗު، އާޖެންޓީނާގެ މައުރީޝިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ހޯދި ފުރަތަމަ މޮޅުވެސް މެއެވެ.
ރޭގެ މެޗު ޗެލްސީން ރަނގަޅަށް ފަށައި، ހަމަލާތަކަށް މަސައްކަތް ކޮށްފައިވާ އިރު، މެޗުގެ ކުރީކޮޅުގައި ކޯނަރެއްގައި ލިބުނު ފުރުސަތަކުން ރަހީމް ސްޓާލިން ފޮނުވާލި ހަމަލާ އަމާޒުވީ ލުޓޮމްގެ ކީޕަރު އަތަށެވެ. އޭގެ އިރުކޮޅެއް ފަހުން ސްޓާލިން ލީޑު ނަގާފައިވާ އިރު، އެ ގޯލަކީ އޭނާ އަރިމަތިން ދެ ކުޅުންތެރިން ނައްޓާލާފައި ވަދެ ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ ޗެލްސީއަށް ލީޑު ފުޅާކޮށްދިނީވެސް ސްޓާލިންނެވެ. ސްޓާލިން އެ ގޯލު ޖަހައިދިނީ މާލޯ ގުސްޓޯ ނަގައިދިން ހުރަސް، އެއްފަހަރުން ގޯލަށް ވައްދާލައިގެންނެވެ. ގުސްޓޯ ރޭގެ މެޗުގެ ފުރަތަމަ 11 އަށް ނުކުމެފައި ވަނީ ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ.
ޗެލްސީގެ ތިންވަނަ ގޯލުގައިވެސް ސްޓާލިންގެ ދައުރު ފެނުނީ ބޮޑު ކޮށެވެ. މި ސީޒަނަށް އެ ކްލަބަށް ގެންދިޔަ ނިކޮލަސް ޖެކްސަން ރޭގެ މެޗުގައި ޖެހި ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ ސްޓާލިންގެވެ.