ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މުހައްމަދު ޝަހީމް އަލީ ސައީދު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަން ނިންމަވައިފިއެވެ.

ޕީޕީއެމްގެ އެޑްވައިޒަރަކަށް ހުންނެވި ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުއިއްޒަށް ތާއިދުކުރައްވަން ނިންމެވި ސަބަބުން ފަހުން ހާމަކުރައްވާނެ ކަމަށެވެ.

"2023 ރިޔާސީ އިންތިހާބުގައި އަޅުގަނޑުގެ އެކުވެރި ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން އަޅުގަނޑު ނިންމައިފިން. މިކަމުގެ ތަފްސީލުތައް ފަހުން ހާމަކުރާނަން" ޝަހީމް ވިދާޅުވިއެވެ.

ކުރިން އަދާލަތު ޕާޓީގައި ހުންނެވި އަނާރާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި އަންހެނުންނަށް ހަމަހަމަ ފުރުސަތަކެއް ލިބިގެންދާނެ ކަމަށެވެ. ހަރުދަނާ ހާރިޖީ ސިޔާސަތެއް ގާއިމުކުރައްވައި އިސްލާމް ދީނުގެ އުސޫލުތަކަށް މުއިއްޒުގެ ވެރިކަމުގައި ރިއާޔަތްކުރައްވާނެކަމަށް އަނާރާ ވިދާޅުވިއެވެ.

ޑރ. ޝަހީމް މުއިއްޒަށް ތާއީދުކުރައްވަން ނިންމެވި އިރު، އޭނާއަކީ 2018 ވަނަ އަހަރު ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވިއިރު، ޔާމީންގެ ރަނިންމޭޓެވެ. އަދި މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓީކެޓު ދީފާނެ ފަރާތްތަކުގެ ތެރޭގައި ވެސް ޑރ. ޝަހީމްގެ ނަން ހިމެނިފައިވެއެވެ.