- ރ. ހުޅުދުއްފާރުން އަލީ އަފާފު ރަމީޒު
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށާއި ތިންވަނައަށް ވެސް އެ ޕާޓީގެ ކެންޑިޑޭޓް ނުހޮވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް މި އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ދަތުރުފުޅުގެ އެންމެ ފަހު ރަށް، މި ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީއަށް އެރި ލޮޅުމުގެ ސަބަބުން މި ރަށަށްވެސް އޭގެ އަސަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ޕާޓީން ވަކިވި މެމްބަރުން ރިޔާސީ އިންތިހާބުގައި ވޯޓު ދޭނެ ކެންޑިޑޭޓެއް ނިންމުމުގައި އަދި ވިސްނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވީ މި އިންތިހާބުގެ މިސްރާބު އޮތް ގޮތް ވަރަށް ސާފު ކަމަށާއި އިންތިހާބުގެ އެއްވަނައާއި ދެވަނަ އަދި ތިން ވަނައަށް ދާނެ ފަރާތްތައް މިހާރު ޔަގީންވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ނުކުމެގެން އެ ވާދަކުރައްވާ ބޭފުޅުންނާ ދޭތެރޭގައި އެކި ރަށްރަށުގެ މީހުންގެ ވިސްނުން ހުރި ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ. އެކެއް ދޭއް ތިނެއް މި ހިސާބުވެސް އަޅުގަނޑުމެން ކިޔާނެ ކަމެއް ނެތް، މިއިން ހިސާބެއްގައި އަޅުގަނޑުގެ ހިތެއް ނުބުނޭ އަދިއެއް އެ ބޭފުޅުންނަކަށް މި ފަހަރަކު އެއް އާދެވޭނެ ހެނެއް،" ރައީސް ވިދާޅުވިއެވެ.
"ރަނގަޅަށް ވާދަކޮށްލައްވަން ބޭނުންފުޅުވަންޏާ މި އުޅެނީ އޭ ޑިވިޝަންގެ މެޗެއް ކުޅެއް. އިނގިރޭސި ވިލާތުގައި ވިއްޔާ ޕްރެމިއާ ލީގު. ބަދަލު ކުޅުންތެރިން އަރުވައިގެނެއް ކާމިޔާބެއް ނުވާނެ. ފުލް ޓީމް އަރަން ވާނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ ފުލް ޓީމާއެކު ނުކުމެވަޑައިގެން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން، ބޮޑު ތަފާތަކުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު