އިންޑިޔާގެ ޗެންނާއީގައި މިމަހު ނިމުނު އޭޝިއަން ޗެމްޕިއަންސް ޓްރޮފީ ބައިނަލްއަގުވާމީ ހޮކީ މުބާރާތުގައި އިންޑިޔާ އަތުން ބޮޑު ތަފާތަކުން ބަލިވެ ސެމީ ފައިނަލަށް ނުގޮސް ޕާކިސްތާނު ކެޓުމާ ގުޅިގެން ޕާކިސްތާނުގެ ހޮކީ ފެޑެރޭޝަނުން ގައުމީ ޓީމުގެ އެންމެހައި ކޯޗިން ސްޓާފުން ވަކިކޮށްފިއެވެ.

މުބާރާތުގެ ޕޮއިންޓް އުސޫލަށް ކުޅުނު ފަހު މެޗުގައި އޮގަސްޓް ނުވަވަނަ ދުވަހު އިންޑިޔާ އަތުން ޕާކިސްތާނު ބަލިވީ ހަތަރެއް ސުމަކުންނެވެ. މި ނަތީޖާއާއެކު ޕާކިސްތާނު ވަނީ ސެމީއަށް ނުގޮސް ކަޓައިފައެވެ. މެޗު އެއްވަރުކޮށްގެންވެސް ސެމީގެ ފުރުސަތު ޕާކިސްތާނަށް އޮތެވެ. އިންޑިޔާ އަތުން ބަލިވި މިބަލިވުން ޕާކިސްތާނުގެ ހޮކީ ފެޑެރޭޝަނުން ދުށީ ގައުމީ ލަދެއްގެ ގޮތުގައެވެ. ހޮކީއަކީ ކްެރިކެޓް ފިޔަވައި ދެން ޕާކިސްތާނާއި އިންޑިޔާގައިވެސް އެންމެ މަގްބޫލު ޓީމު ކުޅިވަރެވެ. މި ދެގައުމަކީވެސް ދުނިޔޭގެ ހޮކީގައި ބޮޑު ދެބާރެވެ.

ޕާކިސްތާނުގެ ކޯޗާއި އެސިސްޓަންޓް ކޯޗާއި ދެންވެސް ކޯޗިން ޓީމުގައި ހިމެނޭ އެންމެން ވަކިކުރީ ޗައިނާގެ ހާންގްޒޫގައި ފަށާ އޭޝިއަން ގޭމްސްއަށް ޕާކިސްތާނުގެ ހޮކީ ޓީމު ތައްޔާރުވާން ޖެހިފައިވަނިކޮށެވެ. އެ މުބާރާތް ފަށާނީ ސެޕްޓެމްބަރު ދިހައެއްގައެވެ. އެހެންވީމާ ލަސްނުކޮށް ޕާކިސްތާނުގެ ހޮކީ ފެޑެރޭޝަނުން ވަނީ ހެޑް ކޯޗަކަށް ޝާހުނާޒު ޝައިޚު އައްޔަންކޮށްފައެވެ. އަދި އޭނާއަށް އެހީވުމަށް އިތުރު ދެމީހުންވެސް ވަނީ އައު ކޯޗިން ޓީމުގައި ހިމަނައިފައެވެ.

އިންޑިޔާ އަތުން ބަލިވި ބަލިވުމަކީ ގައުމީ ލަދެއްކަމަށް ބަލައިގެން ހޮކީ ޓީމުގެ އެންމެހައި ކޯޗިން ސްޓާފުން ވަކިކުރިއިރު މިކަމަކީ މިހާރުއޮތް ހޮކީ ފެޑެރޭޝަނަށް ކުރެވިދާނެ ކަމެއްތޯވެސް ވަނީ ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދެނީ ޕާކިސްތާނުގެ ގައުމީ ސްޕޯޓްސް ބޯޑުން ދާދިފަހުން ހޮކީ ފެޑެރޭޝަނުގެ ހިންގާ ކޮމިޓީ އުވާލާފައި ވުމުންނެވެ. އުވާލެވިފައިވާ ކޮމިޓީއަކަށް ގާނޫނީ ބާރެއް ނޯންނާނެ ކަމަށް ގިނަބަޔަކު ދެކެއެވެ