ގދ. ގައްދޫ ސިއްހީ މަރުކަޒުން، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލައެއްގައި އެ މަރުކަޒުގެ ހަތަރު މުވައްޒަފަކު ސަސްޕެންޑުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިރޭ ކުރި ޓުވީޓެއްގައި ބުނީ، މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންނަށް ދިން މައްސަލަ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.
"މިކަމަކުގައި ޝާމިލުވާ ހަތަރު މުވައްޒަފުން ވަނީ މައްސަލަ ބަލައި ނިމެންދެން ގޭގައި މަޑުކުރަން އަންގައިފަ،" ހެލްތު މިނިސްޓްރީން ބުންޏެވެ.
އެފަދަ މައްސަލަތައް އިތުރަށް ތަކުރާރުނުވާނެހެން ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގައްދޫ ކައުންސިލުގެ މެމްބަރު އަހުމަދު ޝަމާހު "ވަން" އަށް މިރޭ ވިދާޅުވީ މުއްދަތު ހަމަވެފައިވާ އައިވީ ތިން ކުއްޖަކަށް ދީފައިވާ ކަމަށެވެ.
"އައިވީ ދޭ އިރަކު ނުއެއް ބަލާނެ ދެއްތޯ މުއްދަތު ހަމަވެފައިތޯއެއް، މަރުކަޒުގައި ބާއްވާފައި އޮތް ކުއްޖަކަށް ގުޅައިފައިވާ އައިވީ ހުސްވެގެން، ބަދަލުކުރުމުގެ ތެރޭގައި އެނގުނީ އެއީ މުއްދަތު ހަމަވެފައިވާ އައިވީއެއްކަން. އެއިރު އިތުރު ތިން ކުއްޖެއްގެ ގަޔަށް ވަނީ އައިވީ ގުޅައިފައި. އެ ތިން ކުދިންގެ ގަޔަށް ގުޅައިފައިވާ އައިވީއަކީ މުއްދަތު ހަމަވެފައިވާ އައިވީއެއްތޯ ސިއްހީ މަރުކަޒުން ބެލީ އެހެންވެ،" ޝަމާހު ވިދާޅުވިއެވެ.
ޝަމާހު ވިދާޅުވީ، ވަރަށް ގިނަ އަދަދެއްގެ މީހުން ސިއްހީ މަރުކަޒު ދޮށުގައި މުޒާހަރާ ކުރަމުންދާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ވަނީ މުއްދަތު ހަމަވެފައިވާ އައިވީ ކަމަށް ބުނާ އައިވީ ދައްކައިފައެވެ. އެ ވަގުތު އެ ތަނުގައި ފުލުހުންނާއި ނަރުހުން ހަރަކާތްތެރިވަމުން ދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު