ރާއްޖެއަކީ ކުދި ގައުމުތަކުގެ އިސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ގައުމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ދަރަވަންދޫއަށް ވަޑައިގެން އެމްޑީޕީން ވަނީ އެ ޕާޓީގެ މެނިފެސްޓޯގެ "ހެޔޮވެރިކަން" ޗެޕްޓާ އިއުލާންކޮށްފައެވެ. އެ ޗެޕްޓާގައި ހިމެނެނީ ލާމަރުކަޒީ ނިޒާމު ވަށައިޖެހުން، އިންސާފު ގާއިމުކުރުމުގެ ނިޒާމު ވަށައިޖެހުން، ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރަނިވި ނިޒާމު ހަރުދަނާކުރުން، މިނިވަން ހާރިޖީ ސިޔާސަތު ދެމެހެއްޓުން އަދި ލާމެހިފައިވާ ދިފާއުއެވެ.

ރޭގެ ޖަލްސާގައި ވަނީ މިނިވަން ހާރިޖީ ސިޔާސަތު ދެމެހެއްޓުމުގެ ސިޔާސަތުގެ ދަށުން ކުރާނެ ކަންކަން އާންމުކޮށްފައެވެ. އެގޮތުން ބައިނަލްއަގުވާމީ މުޖުތައުގައި ރާއްޖޭގެ ދައުރު މިހާރަށްވުރެ ފުޅާކުރުން ހިމެނެއެވެ. ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް، ރާއްޖެގެ ދައުރު ފުޅާކޮށް، ރާއްޖެއަކީ ކުދި ގައުމުތަކުގެ އިސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވުން މިނިވަން ހާރިޖީ ސިޔާސަތުގައި ހިމެނެއެވެ.

ރާއްޖެއަކީ ބައިނަލްއަގްވާމީ މުއާހަދާތަކަށް ފުރިހަމައަށް ބޯލަނބައި އިހުތިރާމުކުރާ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއި ބައިނަލްއަގުވާމީ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް އަދި ދުނިޔޭގެ ސުލްހަ އާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސަރަހައްދީގޮތުން އަދި ބައިނަލްއަގްވާމީ ގޮތުން ހަރަކާތްތެރިވާ މިނިވަން ހާރިޖީ ސިޔާސަތެއް ރާއްޖެއިން ގާއިމުކުރުން ވެސް ހިމެނެއެވެ.

- ރާއްޖޭގެ ގަދަރާއި އިއްޒަތާއި ޝަރަފު ބައިނަލްއަގްވާމީ މުޖުތަމައުގައި ނަގަހައްޓައި، ރާއްޖެއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކަށް އިހްތިރާމްކުރާ، އިންސާނީ ހައްގުތައް ކަށަވަރުކުރުމުގައާއި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި އޮތް އޮތުން ދެމެހެއްޓުން

- ރާއްޖޭގެ ޑިޕްލޮމަޓިކް އައުޓްރީޗް ފުޅާކޮށް، ރާއްޖެއާއި ދޭދޭ ގައުމުތަކާއެކު އޮންނަ ހާރިޖީގުޅުންތައް ވަރުގަދަކުރާނެ. އަދި ރާއްޖޭގެ ޑިޕްލޮމަޓިކް ފުޓްޕްރިންޓް ބޭރު ދުނިޔޭގައި އިތުރުކުރުން

- ރާއްޖޭގެ އުފެއްދުންތަކާއި ވިޔަފާރިއަށް ދުނިޔޭގެ ބާޒާރުން ފުރުސަތުފަހިކޮށްދިނުމަށް މަސައްކަތްކުރާނެ. އަދި ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި އެކުވެރި ގައުމުތަކާއި، ބައިނަލްއަގްވާމީ މާލީ އިދާރާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުގެ އެހީތެރިކަން އިތުރުކުރުން

- މި ސަރަހައްދުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދަމަހައްޓައި ގުޅުންތައް ދެމެހެއްޓާނެ.

- އިސްލާމީ ވަހުދަތު ވަރުގަދަ ކުރުމަށާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއެކު ރާއްޖެއާއި އިސްލާމީ ގައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން

- ބައިނަލްއަގްވާމީ މަސްރަހުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެވުމަށް މިހާރު ކުރެވެމުންދާ މަސައްކަތް އިތުރުކުރުން

- ދިވެހިން ދަތުރުފަތުރުކުރުމުގައި ވިސާގެ އިތުރު ލުއިތައް ހޯދައި، ދުނިޔޭގެ ނިސްބަތުން އެންމެ ވަރުގަދަ ޕާސްޕޯޓް އޮތް އެއް ގައުމުގެ ގޮތުގައި ރާއްޖެ ހެދުން

- ރާއްޖެއިން ބޭރުގައި ދިރިއުޅޭ، އަދި ރާއްޖެއިން ބޭރަށް ދަތުރުފަތުރުކުރާ ދިވެހި ރައްޔިތުންނަށް ދެމުންދާ ކޮންސިއުލާ ހިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ފެންވަރު މަތިކުރުން

- ރާއްޖޭގެ ފޮރިން ސާވިސްއަކީ މި ޒަމާނުގެ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވެފައިވާ، ތަމްރީނާއި ހުނަރު ލިބި، ތަޖުރިބާ ޖަމާކުރެވޭ ސާރވިސްއެއް ކަމުގައި ހެދުން