ދަރަނިވެރިވުމުގެ ސަބަބުން ޖަލު ބަންދަށް ދިއުން ނިމުމަކަށް ގެނައުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރެއިން މިރޭ ދަރަވަންދުއަށް ވަޑައިގެން އެމްޑީޕީން ވަނީ އެ ޕާޓީގެ މެނިފެސްޓޯގެ "ހެޔޮވެރިކަން" ޗެޕްޓާ އިއުލާންކޮށްފައެވެ. އެ ޗެޕްޓާގައި ހިމެނެނީ ލާމަރުކަޒީ ނިޒާމު ވަށާޖެހުން، އިންސާފު ގާއިމުކުރުމުގެ ނިޒާމު ވަށާޖެހުން، ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރަނިވި ނިޒާމު ހަރުދަނާކުރުން، މިނިވަން ހާރިޖީ ސިޔާސަތު ދެމެހެއްޓުން އަދި ލާމެހިފައިވާ ދިފާއުއެވެ.

ދަރަވަންދޫގައި ބޭއްވި ޖަލްސާގައި މެނިފެސްޓޯ ހުށަހަޅައިދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ގޮލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވީ "އިންސާފު ގާއިމުކުރުމުގެ ނިޒާމު ފުރިހަމަކުރުން"ގެ ސިޔާސަތުގެ ދަށުން ބޭންކުރަޕްސީ ގާނޫނެއް އެކުލަވާލާނެ ކަމަށެވެ.

"ދަރަނިވެރިވުމަކީ ޖަލު ބަންދެއް އަންނަ ސަބަބަކަށްވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި، ވިޔަފާރިތަކަށާއި ވަކިވަކި ފަރުދުންނަށްވެސް ބޭންކްރަޕްސީ ޑިކްލެއާ ކުރެވޭގޮތަށް ބޭންކްރަޕްސީއާ ބެހޭ ގާނޫނެއް އެކުލަވައިލާނެ،" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ ކޯޓުތަކުގެ މަސައްކަތް އަވަސްކުރުމަށް ޖާގަ އިތުރުކުރުމަކީ އެ ސިޔާސަތުގެ ބައެއް ކަމަށާއި އަދި ކޯޓުތަކުން ހިދުމަތް ހޯދުމަކީ ލުއިފަސޭހަ ކަމަކަށް ހެދުމުގެ ގޮތުން ގުޅިފައިވާ ޑިޖިޓަލް ވިއުގައެއްގެ ތެރެއިން ކޯޓުތަކަށް މައްސަލަ ހުށަހެޅޭނެ ގޮތްތައް ހަދައި މައްސަލައިގެ ލިޔުންތަކާއި އިދާރީ ކަންކަން ފުރިހަމަކުރެވޭނޭ ނިޒާމެއް ގާއިމުކުރާނެ ކަމަށެވެ. އަދި ކޯޓުތަކުގެ މެދުގައި މުއާމަލާތްކުރުމާއި ލިޔެކިޔުން ބަދަލުކުރުމުގެ އިދާރީ އިންތިޒާމުތަކާއި، ޝަރީއަތުގެ އަޑުއެހުންތައް ރެކޯޑުކޮށް ރައްކާކުރުމުގެ ވަސީލަތްތަކާއި ކުށާއި ދަރަނީގެ ރެކޯޑު ބެލެހެއްޓޭ އިންތިޒާމުތައް އެ ވިއުގައިގެ ތެރޭގައި ގާއިމުކުރާނެކަމަށް މީކާއީލް ވިދާޅުވިއެވެ.

  • ކޯޓުތަކުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި، ސްޕީޗް ޓު ޓެކްސްޓް ޓޫލްސް، ރެފެރެންސިން ޓޫލްސް ފަދަ އެސިސްޓިވް ޓޫލްސް ބޭނުންކުރުމަށް އާޓިފިޝަލް އިންޓެލިޖެންސަށް އިންވެސްޓްކުރާނެ
  • ފަނޑިޔާރުންނާއި، ޖުޑީޝަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށްޓަކައި، ޖުޑީޝަލް އެކަޑެމީއަކީ، ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ ގާބިލުކަމާއި، މަސައްކަތުގެ ހުނަރު އަދާހަމަކޮށް ހިފެހެއްޓުމަށް ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ޕްރޮގްރާމުތައް ރާވާ ހިންގާ މަރުކަޒަކަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން
  • ފަނޑިޔާރުންނާއި، ޖުޑީޝަރީގެ މުވައްޒަފުންނަކީ، އެމީހުންގެ ދިރިއުޅުމުގެ ހަރަދުބަރަދާއި، ޒަރޫރީ ކަންކަން ހަމަޖެއްސުންފަދަ ކަންކަމުގައި އެހެން މީހުންނަށް ބަރޯސާވާންނުޖެހޭ ފުދުންތެރި ދިރިއުޅުމެއް އުޅޭ މުސްތަގިއްލު ބައެއްކަން ކަށަވަރުކުރުމަށްޓަކައި، ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހިދުމަތްކުރާ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް އެކޮމޮޑޭޝަން ފަހިކޮށްދިނުން
  • ޝަރީއަތެއް ހިންގުމަކާ ނުލައި މަޝްވަރާގެ އުސޫލުން މައްސަލަ ހައްލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، މަދަނީ އަދި އާއިލީ މައްސަލަތަކުގައި މީޑިއޭޝަން ހިންގޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމާއި، މަދަނީ އަދި އާއިލީ މައްސަލަތައް ބަލާ ކޯޓުތަކުގައި މީޑިއޭޝަން ހިންގޭނެ މީޑިއޭޓަރުން ތަމްރީނުކޮށް، ކޯޓު އެނެކްސްޑް މީޑިއޭޝަންގެ ނިޒާމެއް ގާއިމުކުރުން
  • ޖިނާއީ ކުށްކުށުގައި އަނިޔާ ލިބޭ ފަރާތްތަކުގެ ބަހެއް ނުލިބުމުގެ ސަބަބުން، އެ ފަރާތްތަކަށް އިންސާފު ލިބިދިނުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށްޓަކައި، ޖިނާއީ މައްސަލަތަކުގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި، އަނިޔާ ލިބޭ ފަރާތަށް ބަސް ބުނުމަށް ފުރުސަތުދިނުން ލާޒިމުވާގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރުން
  • ޖަލަށްލައި އެކަހެރިކުރުމުގެ ބަދަލުގައި، ކުށްކުރާ މީހުން މުޖުތަމައުއަށް އަނބުރާ ގެނައުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ މައިގަނޑު އަސާސް ކަމުގައި ހަދައި، ޖަލަށްލުން ފިޔަވައި ދޭ އެހެނިހެން އަދަބުތައް ތަންފީޒުކޮށް ހިންގާނޭ އިދާރާއެއް ގާއިމުކުރުމާއި، އެ އިދާރާގެ ދަށުން ވިލަރެސްކުރެވިގެން، ގޭ ބަންދު ނުވަތަ މުޖުތަމައުއަށް ހިދުމަތްކުރުން ނުވަތަ ކަނޑައަޅާ ރީހެބިލިޓޭޓިވް ޕްރޮގްރާމްތަކުގައި ބައިވެރިވުމުން އަދަބު ތަންފީޒުކުރެވޭކަން ކަށަވަރުކޮށް، އެ އިދާރާގެ ބެލުމުގެ ދަށުން ޕެރޯލްގެ ނިޒާމު ހިންގުން

އެމްޑީޕީގެ މެނިފެސްޓޯ އެކުލެވިގެންވަނީ ފަސް ސިޔާސަތެއްގެ މައްޗަށެވެ. އެއީ؛

  • އުފާވެރި ދިރިއުޅުން
  • އަމާން މުޖުތަމައު
  • ޒުވާނުންގެ އާ ޖީލު
  • އިގުތިސާދީ ބޮޑު ބަދަލު
  • ހެޔޮވެރިކަން