އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނާއި ފީފާ ގުޅިގެން އިންޑިޔާގައި ދުނިޔޭގެ ފެންވަރުގެ ސެންޓްރަލް ފުޓްބޯޅަ އެކަޑެމީއެއް ގާއިމްކުރުމުގެ ކަންކަން ފައިނަލް ކުރުމަށް ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް ޔުނިޓުގެ ވެރިޔާ ފްރާންސްގެ އާސެން ވެންގަރ މިއަހަރުގެ އޮކްޓޫބަރު މަހު އިންޑިޔާއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަމަކީ ކުރީއްސުރެ މި ދެފަރާތުގެ މެދުގައި މަޝްވަރާ ކުރެވެމުން އައި ކަމެކެވެ. މި މަސައްކަތް އަވަސްކުރުމާމެދު މި އޮގަސްޓް މަހު އޮސްޓްރޭލިޔާގެ ސިޑްނީގައި އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލިޔާން ޗައުބޭއާއި ޖެނެރަލް ސެކްރެޓަރީ ޑރ. ޝާޖީ ޕްރަބާކަރަން ވަނީ ފީފާގެ ވަރަށް އިސް ވަފުދަކާ ބައްދަލުކޮށްފައެވެ. އެ ވަފުދުގައި އާސެން ވެންގަރ ގެ އިތުރުން ފީފާގެ ޓެކްނިކަލް ޑައިރެކްޓަރ ސްޓީވެން މާޓެންސްއާއި ފީފާގެ ހައި ޕާރފޯމަންސް ޕްރޮގްރާމްގެ ވެރިޔާ އުލްފް ޝޮޓްވެސް ހިމެނުނެވެ.
ފީފާގެ އެހީގައި އިންޑިޔާގައި ގާއިމްކުރަން ޕްލޭން ކުރެވިފައިވާ ފުޓްބޯޅަ އެކަޑެމީއަކީ ހަގީގަތުގައި އެކަޑެމީތަކުގެ ވިޔުގައެކެވެ. މިތަނަށް ޒުވާން ކުޅުންތެރިން އަންނާނީ މަދުވެގެން މިފަދަ އެހެން ތިން ސެންޓަރަކުން ތަމްރީނުވެ ފިލްޓަރު ވެގެންނެވެ. މިތަނަށް އަންނާނީ ދުނިޔޭގެ ފެންވަރުގެ ހުނަރުވެރި ޒުވާނުންނެވެ. އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޗައުބޭ ވިދާޅުވީ މި އެކަޑެމީ ގާއިމްކުރެވުނީމާ ލަސްތަކެއްނުވެ ދުނިޔޭގެ ފެންވަރުގެ ތަރިން މިތަނުން ތަމްރީނުވެގެން ނުކުމެ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ބާރަކަށް އިންޑިޔާ ހަދައިދޭނެ ކަމުގައެވެ.
އިންޑިޔާގައި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ފުޓްބޯޅަ އެކަޑެމީއެއް ގާއިމުކުރުމުގެ މަސައްކަތް ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް ޔުނިޓުން ކުރިއަށްގެންދާއިރު މިކަން ސުޕަރވައިޒް ކުރާނީ ސީދާ އާސެން ވެންގަރ އެވެ. އޭނާއަކީ އިންގްލެންޑުގެ އާސެނަލްގައި ވަރަށް ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައިވާ ވަރަށް މޮޅު ކޯޗެކެވެ. ފްރާންސްގެ ތިއަރީ އޮންރީއާއި ޕެޓްރިކް ވިއޭރާފަދަ ކުޅުންތެރިން ސުޕަރ ސްޓާރުންނަށް ހަދައިދިނީ ވެންގަރ އެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު