ޓްރެއިނިން ސެޝަނެއްގެ ތެރެއިން ކުއްލިއަކަށް ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީގެ ހާލު މިހާރު ސްޓޭބަލް ނަމަވެސް، އޭނާ އަނބުރާ މަސައްކަތަށް ނުކުންނާނީ ގިނަ ދުވަސްތަކެއް ފަހުން ކަމަށް ކްލަބުން ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި ބެލްޖިއަމްގެ ކޯޗު ކޮމްޕެނީ ހާލު ދެރަވެގެން ވެއްޓުނީ ބަޔާންގެ ރިޒާވް ޓީމުގެ ތަމްރީނުތަކެއްގައި ހުއްޓައެވެ. ބަޔާނުން ބުނީ އޭރު ކޮމްޕެނީ ދިޔައީ ދެވަނަ ޓީމުގެ ތަމްރީނުތަކުގައި ސީދާ ބައިވެރިވަމުން ނޫން ކަމަށާއި، އެ ތަމްރީނުތައް ބަލަމުން ކަމަށެވެ. އޭގެ އިތުރުން އެ ކްލަބުން ބުނީ މިދިޔަ ހަފުތާގެ ތެރޭގައި ކޮމްޕެނީއަށް ސީނިއާ ޓީމުގެ ބައެއް ތަމްރީނުތައްވެސް ގެއްލުނު ކަމަށާއި، އެއީ ވައިރަހަކަށް ފަރުވާ ކުރަމުންދާތީ ކަމަށެވެ.

ބަޔާނުން ނެރުނު ސްޓޭޓްމަންޓެއްގައި ބުނީ ކޮމްޕެނީ ހާއްސަ ޓެސްޓްތަކެއް ހަދަމުންދާ ކަމަށާއި، މިހާރު ހާލު ސްޓޭބަލް ކަމަށެވެ. އެހެން ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެންވެސް ކޮމްޕެނީ މަސައްކަތާ ދުރަށް ޖެހިލާނެ ކަމަށާއި، އެއީ ކޯޗުގެ ސިއްހަތަކީ މިވަގުތު މާ މުހިއްމު ކަމަކަށްވާތީ ކަމަށެވެ.

ބަޔާންގެ ބޯޑު މެމްބަރު މެކްސް އެބާލް ވިދާޅުވީ ކޯޗުގެ ރިކަވަރީއަށް އެކަށީގެންވާ ވަގުތު ނަގާނެ ކަމަށާއި، އެއީ ހަފުތާތަކަކަށްވުންވެސް ގާތް ކަމަށެވެ. އެ ދުވަސްތަކުގައި ޓީމުގެ ހުރިހާ ކަމެއްގެ ޒިންމާ ނަގާނީ ކޯޗިން ޓީމުން ކަމަށްވެސް އެބާލް ބުނެފައިވެއެވެ.