ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ މަސައްކަތްތައް ކިތަންމެ ދުވަހެއްވަންދެން ހުއްޓުވާފައި ބޭއްވި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲގެ އިތުބާރު އޮތްކަމަކަށް ނުވާނެ ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު (މޯޑު) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މޯޑު މިއަދު ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ މައްޗަށް މީގެ 90 ވަރަކަށް ދުވަސްކުރިން މަޖިލީހުގެ 50 މެންބަރަކު ސޮއިކޮށްފަ އިތުބާރުނެތްކަމަށް ހުށަހަޅާއިފަވާ މައްސަލައަށް ބަދަލެއް ނާދޭ، އެ ބޭފުޅާގެ މައްޗަށް އިތުބާރު އޮތްކަމަކަށް ނުވާނެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މައްޗަށް މީގެ 75 ވަރަކަށް ދުވަސްކުރިން މަޖިލީހުގެ 54 މެންބަރަކު ސޮއިކުރައްވައި ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އެ އޮތްގޮތަށް އޮންނާނެ، އެބޭފުޅާގެ މައްޗަށް އިތުބާރު އޮތް ކަމަކަށް ނުވާނެ، އަޅުގަނޑުގެ އެދުމަކީ މި މައްސަލަތައް ކުރިއަށް ގެންގޮސްދިނުން،" ކަމަށެވެ.

މޯޑު ވިދާޅުވީ، އިތުބާރުނެތްކަމުގެ މައްސަލަތަކާ ގުޅިގެން މަޖިލީހުގައި ކުރަން ޖެހޭ ހަގީގީ މަސައްކަތް ނުކޮށް ވަގުތުތައް ބޭކާރުކޮށްލުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަނުދޭން މަޖިލީހުގެ ރައީސް އަމަލު ކުރައްވާގޮތާމެދު ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މޯޑު ވިދާޅުވީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މައްސަލައަކީ ހުސްވި ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި ނިންމާފައިވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ޑެމޮކްރެޓްސްގެ ތިން މެންބަރަކު މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ހިމެނުމަށް ހުށަހަޅާފައިވާކަމަށް ބުނެ ހަމަ އެ މައްސަލަ އަނެއްކާ ވެސް މަޖިލީހަށް އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަނުދިނުމަށް ބަހަނާ ދެއްކުމުގެ ގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

"އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ ދައުރު ހަމަވެ ހަތަރު މެންބަރުންނާއެކު ކުރިއަށް އެދަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވެ އެ މެންބަރު މަގާމަށް ނުލެވި އެތައް ދުވަހެއް ވެއްޖެ، އެހެން ނަމަވެސް އެ ގާނޫނުގައި ބުނާގޮތުން 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަންކުރަން ޖެހޭ މިފަދަމިފަދަ އެތައް މަސައްކަތްތަކެއް ހުރީ ހުއްޓިފަ ކޮމިޓީތައް ނުބޭއްވިގެން،" މޯޑު ވިދާޅުވިއެވެ.