ޚަބަރު

ދިވެހީންނަށް ހަގީގީ ތަރައްގީ އިހުސާސް ކުރެވުނީ 2018 ގެ ފަހުން: ހިސާން

އާމިނަތު ޝައުޒަން އިބްރާހީމް

1

ދިވެހި ރައްޔިތުންނަށް ހަގީގީ މާނައިގައި ތަރައްގީގެ އިހްސާސް ކުރެވުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ރޭ ތުޅާދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ރާއްޖޭގައި ވެރިކަން ކުރި ބޭފުޅުން ވެރިކަން ކޮށްފައިވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް އެންމެ ކުޑަ މިންވަރުން ފޯރުކޮށްދެމުން ކަމަށެވެ.

ހިސާން ވިދާޅުވީ ރަށްރަށުގެ ތަރައްގީއާ ގުޅިގެން ސުވާލު ކުރުމުން އަބަދުވެސް ލިބެނީ އުޒުރުތަކާއި ބަހަނާތައް ކަމަށާއި، ޖަވާބު ނިމޭއިރު އަބަދުވެސް އަންނާނީ ރަށުގެ ސައިޒާއި އާބާދީގެ ވާހަކަތައް ކަމަށެވެ.

ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއްނެތި އަސާސީ ހިދުމަތްތަކަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެއްކަން ރައީސް ސޯލިހު ކަށަވަރުކޮށްދެއްވާފައިވާ ކަން ހިސާން ފާހަގަކުރެއްވިއެވެ.

ރަށުގެ ސައިޒާއި އާބާދީއަށް ބަލައިގެން ރަށްރަށް އެކަހެރި ނުކޮށް ފުޅަދޫ ފެހެންދޫގެ ބަނދަރު ހެދުމާއި ދެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެއްޓެވުން އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމެވުމާއި ތުޅާދޫ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމެވުން އެއީ މިކަމުގެ މިސާލެއް ކަމަށް ހިސާމް ވިދާޅުވި އެވެ.

އެމްޑީޕީން މިފަހަރުގެ ރިޔާސީ އިންތިހާބު ވެސް އެއްބުރުން ކާމިޔާބުކުރާނެ ކަމާ މެދު ޝައްކު ނުކުރައްވާކަމާއި އޭނާގެ އެދުމަކީ އެ މަގަށް އެމްޑީޕީން ކުރާ ދަތުރުގައި ތުޅާދޫގެ ރައްޔިތުންގެ ހިއްސާ ބޮޑުކޮށް އޮތުން ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟