ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބުދުﷲގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިމިގެންދިއަޔީ ޑެޑް ލޮކެއްގައި އޮވެގެންނެވެ.
އޭރު އެ ބޭފުޅުންގެ އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރެއްވުމަށް މަޖިލީހުގެ ރައީސް ދެއްކެވި އެއް އުޒުރަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހުއްޓިފައި އޮތުމެވެ. އެއީ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދާނެ ވަގުތާއި، ބަހުސްގައި މެންބަރުންނަށް ދޭންޖެހޭ ވަގުތާއި، މައްސަލައަށް ޖަވާބުދާރީވާން ދޭންޖެހޭ ވަގުތު ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ދާއިމީ ކޮމިޓީތަކުގެ ތެރެއިން، އާއްމު ކޮމިޓީއަށް ކަމަށްވާތީއެވެ. މަޖިލީހުގައި އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނީ ކޮމިޓީން އެ ވަގުތުތައް ކަނޑައެޅުމުންނެވެ.
ދާއިމީ ކޮމިޓީތަކުގެ މަސައްކަތް ހުއްޓައިލުމަށް، މަޖިލިސް ރައީސް އެންގެވީ، އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި، ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ މެންބަރުން ހިމެނެންޖެހޭ ގޮތަށް އައި ބަދަލު މަޖިލީހުން ފާސްކުރަންދެންނެވެ.
އޭރުވެސް އެމްޑީޕީން ވަކާލާތު ކުރަމުން ދިޔައީ ކޮމިޓީތަކަށް އައި ބަދަލު މަޖިލީހުން ފާސްކުރަންދެން، ކުރިން އޮތް ގޮތުގައި ކޮމިޓީތައް ކުރިއަށްދާންޖެހޭ ކަމަށެވެ. އެމްޑީޕީން ހަވާލާދިނީ މަޖިލިސް ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) އަށެވެ. އެ މާއްދާގައި ބުނަނީ، ދާއިމީ ކޮމިޓީތަކަކީ، އަބަދުވެސް ދެމި އޮންނަ، އަދި ވަކި މަސްއޫލިއްޔަތުތަކެއް ހަވާލު ކުރެވިފައިވާ ކޮމިޓީތަކެއް ކަމަށެވެ.
ނަމަވެސް ކޮމިޓީތައް އެކުލަވާލުމާ މެދު ޕާޓީތަކުން އެއްބަސްނުވެވޭ ކަމަށްބުނެ، މަޖިލީހުގެ ދެވަނަ ދައުރުގެ ޗުއްޓީއަށް ދިޔައީ ކޮމިޓީތަކަށް ގޮތެއް ކަނޑަނާޅައެވެ.
އެކަމާ ގުޅިގެން ކޮމިޓީތައް އެކުލަވައިލުމަށް ދައުރުން ބޭރުން މަޖިލީހުގެ ހާއްސަ ޖަލްސާތަކެއް ބާއްވަން އެމްޑީޕީން ހުށަހެޅިއެވެ. އެ ހުށަހެޅުމުގެ މައްޗަށް ދައުރުން ބޭރުގެ ދެ ޖަލްސާ ބާއްވައި ރިޔާސަތުގައި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނަވައިގެން، ކޮމިޓީތަކަށް އައި ބަދަލު މަޖިލީހުން ފާސްކުރިއެވެ.
ނަމަވެސް މަޖިލީހުގެ ތިންވަނަ ދައުރު ފެށުމަށް، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށްވެސް އެޖެންޑާކޮށްފައި އޮތީ، ހަމަ އެ މައްސަލައެވެ. މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ދާއިމީ ކޮމިޓީތަކުގައި ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.
އެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، އުފެއްދެވި ސިޔާސީ ޕާޓީ 'ދަ ޑިމޮކްރެޓްސް' މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ރަޖިސްޓްރީކުރުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން މަޖިލީހުގައި ދަ ޑިމޮކްރެޓްސް ތަމްސީލުކުރަން އެދިވަޑައިގެން، މަޖިލިސް ގަވާއިދުގައި ބަޔާންކުރާ ލިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ދަ ޑިމޮކްރެޓްސް މަޖިލީހުގައި ތަމްސީލު ކުރައްވާނީ އެ ތިން މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.
އެމްޑީޕީން ހުށަހަޅައިގެން ޖުލައި 10 ގައި، ދައުރުން ބޭރުން ބޭއްވި ޖަލްސާއިން ކޮމިޓީތައް ފާސްކޮށްފައިވާ މައްސަލައިގައި މަޖިލިސް ރައީސް ވިދާޅުވީ، އެއީ ދަ ޑިމޮކްރެޓްސް މަޖިލިސް ދަފްތަރުގައި ހިމެނުމުގެ ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި "ދަ ޑިމޮކްރެޓްސް މަޖިލީހުގެ ސިޔާސީ ޕާޓީތައް ހިމެނޭ ދަފްތަރުގައި މިހާރު ރަޖިސްޓްރީވެފައިވުމާއެކު، އެ ބަދަލު މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނޭ ނިސްބަތަށް ގެނައުމަށް މަޖިލީހުގެ އިދާރާއިން ހުށަހަޅާ ހުށަހެޅުންތައް މެންބަރުންގެ ޕޯޓަލްއިން ފެނިވަޑައިގަންނަވާނެ މި މައްސަލަ މިއަދު ވަނީ އެޖެންޑާކޮށްފަ،" ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ދައުރުން ބޭރުން ހާއްސަ ޖަލްސާތަކެއް ބާއްވައިގެން ހޫނު ބަހުސްތަކަކާއެކު މަޖިލީހުން ނިންމި ނިންމުން ބޭކާރުވެ، އަނެއްކާވެސް މިވަނީ ކުރި މަސައްކަތް ކުރަން ޖެހިފައެވެ.
މަޖިލިސް ރައީސް ވަނީ، ދަ ޑިމޮކްރެޓްސްގެ އެހެން މެންބަރުން އެދިވަޑައިގަންނަވާ ނަމަ އެ ޕާޓީ މަޖިލީހުގައި ތަމްސީލުކުރަން ބޭނުންވާ މެންބަރުން ކަމާބެހޭ ލިޔެކިޔުންތައް ހުށަހަޅުމަށްވެސް އެ ޕާޓީއަށް ފުރުސަތު ދެއްވައިފައެވެ. ވިދާޅުވީ، "އެހެން ހެއްދެވުމުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވިގެންދާނެ ކަމަށް އަޅުގަނޑު ދެކެން،" ކަމަށެވެ.
މީގެ އިތުރުން "މަޖިލީހުގެ ދާއިމީ ކޮމިޓީތައް ހަމަޖެހި އެ ކޮމިޓީތަކުން، އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަހުސްގެ ވަގުތު ކަނޑައެޅުމުން އެ މައްސަލަތައް ކުރިއަށްގެންދެވޭނީ،" ކަމަށްވެސް ވިދާޅުވިއެވެ.
މީގައި ސުވާލު އުފެދެނީ ޑިމޮކްރެޓްސްގައި 14 މެންބަރުން ތިއްބަވާ އިރު، އެ ޕާޓީ މަޖިލީހުގައި ތަމްސީލުކުރައްވަން އެންމެ ތިން މެންބަރުން ހުށަހެޅުމުންނެވެ. ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އަދި 11 މެންބަރުން އެބަ ތިއްބެވިއެވެ.
މަޖިލިސް މެންބަރަކު "ވަން"އަށް ވިދާޅުވީ، މަޖިލިސް ރައީސްގެ އެ ވިސްނުންފުޅަކީ، އެމަނިކުފާނާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިސް ތަޅުމަށް އަޔަ ނުދިނުން ކަމަށެވެ.
"އެ ހައްދަވާ ގޮތަކީ މަޖިލިސް ތެރެއިން އަންނަ ޕްރެޝަރެއްގައި ކޮމިޓީތައް މަޖިލީހުން ފާސްކުރަން ޖެހުނަސް، އަނެއްކާ އިތުރު މެންބަރުންކޮޅެއް މަޖިލީހުގައި ޑިމޮކްރެޓްސް ތަމްސީލުކުރަން އިތުރު ކުރެއްވުމަށްފަހު، އަނެއްކާ ކޮމިިޓީތައް އެކުލަވާލުން، ޑިމޮކްރެޓްސްގެ ފަރާތުން ފަހަރަކު ދެ މެންބަރުން މަޖިލިސް ދަފްތަރުގައި ހިމަނަން އެދުނު ނަމަވެސް ވަރަށް ދުވަސް ނަގާނެ ކޮމިޓީތަކަށް އަންނަ ބަދަލު އެކުލަވާލައި އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާއަށް އަންނަން،"
އޭނާ ވިދާޅުވީ، މަޖިލިސް ރައީސް ބޭނުންފުޅުވަނީ، ރިޔާސީ އިންތިހާބު ނިމެންދެން އެގޮތުގައި ހިފެހެއްޓެވުމަށް ކަމަށެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން މަޖިލިސް ތަޅުމުގައި އެހެން މައްސަލައެއް ކުރިއަށް ގެންދެވޭނީވެސް މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިމުމުންނެވެ.
މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބުނަނީ، އެ މާއްދާގެ (ށ)ގައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ގަރާރުގެ ލިޔުން ލިބޭތާ ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި އެ ގަރާރުގެ ނޯޓިސް، މަޖިލީހުގެ އަމީން އާއްމު މެންބަރުންނަށާއި، މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ވާނެ ކަމަށެވެ. އަދި ގަވާއިދުގެ 206 ވަނަ މާއްދާގައި ބުނަނީ، މަޖިލީހުގެ ނާއިބު ރައީސްގެ މައްޗަށްވެސް ހިނގާނީ 205 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުތައް ކަމަށެވެ. އަދި (ރ) ގައި ބުނަނީ، އިތުބާރުނެތްކަމުގެ ނޯޓިސްދޭ 14 ދުވަހުގެ މުއްދަތު ހަމަވެގެން އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށްފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސްކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ އެ ބޭފުޅުން ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހުގައި ކަމަށެވެ.
އެހެންކަމުން ކުރިއަށް މިއޮތް ދުވަސްކޮޅުގައިވެސް މަޖިލީހުން ފެންނާނެ ކަމަށް ގަބޫލު ކުރެވެނީ، ކޮމިޓީތައް ހަމަޖެއްްސުމުގެ މަސައްކަތެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރުމުގެ ވިސްނުމެއް ހުރި ކަމަށް ނުފެނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް