ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިން އިއްވި މެންބަރުން ޖަލްސާއިން ނުނިކުންނަވައި، ޖަލްސާ ކުރިއަށްގެންދަން ހުރަަސް އަޅުއްވާކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވައިފިއެވެ.
މިއަދުގެ ޖަލްސާއަކީ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އެކަންޏެވެ.
މަޖިލިސް ހޫނުވީ، ޖަލްސާ ފެށުމުގެ ގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި، އިތުބާރު ނެތްކަމުގެ މައްސަލަތަކަށް ބަހުސްގެ ވަގުތު ކޮމިޓީން ކަނޑައެޅުމުން ކަމަށް ވިދާޅުވުމުން، އެކަމާ ދެކޮޅު ހައްދަވައި ބައެއް މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުންނެވެ.
އެ މެންބަރުން ދެކޮޅު ހެއްދެވީ މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި، އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަކިވުމާ ގުޅިގެން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި، ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ޕާޓީތަކަށް ނިސްބަތްނުވާ މެންބަރު ހިމެނޭގޮތަށް އައި ބަދަލު މަޖިލީހުން ފާސްކުރަންދެން، މަޖިލީހުގެ ރައީސް ކޮމިޓީތައް ހުއްޓުވާފައި އޮތް މައްސަލަ ހައްލު ކުރުމަށް މަޖިލިސް ޗުއްޓީ ތެރޭގައި ދައުރުން ބޭރުން ހާއްސަ ޖަލްސާތަކެއް ބާއްވައި ކޮމިޓީތައް އެކުލަވާލާފައި ވަނިކޮށް ރައީސް އެވާހަކަ ވިދާޅުވުމުންނެވެ.
އެކަމަށްޓަކައި މަޖިލީހުގެ ހާއްސަ ޖަލްސާތައް ބޭއްވީ އެމްޑީޕީން އެކަމަށް އެދި ހުށަހަޅައިގެންނެވެ.
އެ މައްސަލައިގައި ބޮޑަށް މެންބަރުން ހިތް ހަމަނުޖެހުނީ، ދައުރުން ބޭރުގައި ޖަލްސާތައް ބާއްވައި ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީވެސް، މަޖިލިސް ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމުން ކަމަށްވާތީއެވެ.
ދެވަނަ ދައުރުގައި އިތުބާރު ނެތްކަމުގެ މައްސަަލަތައް މަޖިލީހަށް އެޖެންޑާ ނުކުރެއްވީ، ދާއިމީ ކޮމިޓީތައް އެކުލަވާލާފައި ނުވާތީ، އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ބަހުސް ކުރިއަށްގެންދާނެ ގޮތެއް ކަނޑައަޅާފައި ނުވާތީ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ. އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ ބަހުސް ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅަނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އާއްމު ކޮމިޓީންނެވެ.
އެ މައްސަލައިގައި ހިތްހަމަނުޖެހިގެން އަޑުގަދަ ކުރެއްވި މެންބަރުންގެ ތެރެއިން، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީގެ ނަން އިއްވައި ޖަލްސާ ދޫކުރައްވައި ނިކުންނެވުމަށް މަޖިލިސް ރައީސް ތަކުރާރުކޮށް އެންގެވިއެވެ.
ޖަލްސާއިން ނުނިކުންނަވައި، އެ މެންބަރުން ޖަލްސާއަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އެކަން އެގޮތަށް ނުކުރެއްވުމަށްވެސް މަޖިލިސް ރައީސް ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ. އަދި ނަން އިއްވި ތަރުތީބުން، ފުރަތަމަ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ދެން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ އެއަށްފަހު ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ ޖަލްސާއިން ނެރުމުގެ އިންތިޒާމުތައް ހަމަޖައްސައިދެއްވުމަށް މަޖިލީހުގެ ރައީސް، ސާޖަންޓް އެޓް އާމްސް އޮފީހުގައި ވެސް ދެންނެވިއެވެ.
އެވަރުންވެސް އެ މެންބަރުން ޖަލްސާއިން ނުނިކުންނެވުމުން، އެ މެންބަރުން ނިކުންނަވަންދެން، 9:31 ގައި މަޖިލިސް ޖަލްސާ މެދުކަނޑުއްވައިލެއްވިއެވެ. އެއަށްފަހު ދެން ޖަލްސާ ފެށީ، 10:10 ގައެވެ. އޭރުވެސް ނަން އިއްވި މެންބަރުން ޖަލްސާގައި ތިއްބެވިއެވެ.
މަޖިލިސް ރައީސް ފުރަތަަވެސް އެދިވަޑައިގެންނެވީ ނަން އިއްވި މެންބަރުން ޖަލްސާއިން ނިކުންނެވުމަށެވެ. މަޖިލިސް ކުރިއަށް ގެންދެވޭނީ އެ ބޭފުޅުން ނިކުންނެވުމުން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ގެންދަވަނީ ޖަލްސާއަށް ހުރަސްއަޅުއްވަމުން ކަމަށާއި، އެކަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.
ނަމަވެސް އެ މެންބަރުން ނުނިކުންނަވައި، އިތުރަށް ޖަލްސާތެރެ ހޫނުވާން ފެށިއެވެ. އޭގެ ތެރެއިން ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލް ގަފޫރު މޫސާ (ގަޕޯ)ގެ ނަން އިއްވައި ޖަލްސާ ދޫކުރައްވައި ވަޑައިގަތުމަށް މަޖިލިސް ރައީސް އެންގެވިއެވެ. މަޖިލިސް ރައީސް ވިދާޅުވީ ގަޕޯގެ ނަން އިއްވީ، ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން އިށީންނެވުމަށް ހާއްސަ ކޮށްފައިވާ ގޮނޑީގައި، އޭނާ އިށީންނެވުމުން ކަމަށެވެ. ގަޕޯގެ ނަން އިއްވައި ޖަލްސާ އިން ނިކުންނެވުމަށް ތަކުރާރުކޮށް އެންގެވި ނަމަވެސް ގަޕޯވެސް ޖަލްސާއަކުން ނުނިކުންނެވިއެވެ.
އެގޮތަށް ޖަލްސާގައި އެއްވެސް ކަމެއް ކުރިއަށް ނުގޮސް އިރުގަނޑަކު އޮތުމުން، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ، މަޖިލިސް ރައީސް މެންބަރެއްގެ ނަން އިއްވުމުން، އެ މެންބަރު ޖަލްސާ ދޫކުރައްވައި ނުކުންނެވުމަށް އިންކާރު ކޮށްފިނަމަ އެ މެންބަރަކާ މެދު އަމަލު ކުރެވޭނެ ގޮތެއްގެ ވާހަކަ، މަޖިލިސް ގަވާއިދުގައި ހިމެނިފައިވާ ކަމަށެވެ. "އެއީ މި ގަވާއިދުގެ ބޭނުމަށް އެ މެންބަރު ޖަލްސާގައި ނެތްކަމަށް ބަލައި ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިގެންވާ ކަމަށް، މީގެކުރިން މި މަޖިލީހުގައި އެގޮތަށް އަމަލު ކުރައްވާފައިވެސް އެބަހުރި، އަޅުގަނޑަށް ހީވަނީ މިއަދުވެސް އެގޮތަށް އަމަލު ކުރުމުގެ ފުރުސަތު އެބައޮތްހެން،"
މީގެ ކުރިން ބޭއްވި މަޖިލިސް ޖަލްސާއެއްގައި، އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެންބަރު ރޮޒެއިނާ އާދަމްގެ ނަން އިއްވުމުން، އޭނާ ޖަލްސާއިން ނުނިކުންނަވައިގެން، އެ މެންބަރު ޖަލްސާއަށް ހާޒިރުވެ ނެތްކަމަށް ބަލައި މަޖިލިސް ރައީސް ވަނީ އެ ޖަލްސާ ކުރިއަށް ގެންދަވައިފައެވެ.
އުޝާމްގެ ނިޒާމީ މައްސަލަ ބަލައިގަނެ، ނަން އިއްވެވި މެންބަރު މަޖިލީހުގައި ނެތްކަމަށް ނިންމަވައި މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން ގަސްތު ކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ޖަލްސާގެ މަސައްކަތް ކުރިއަށްގެންދަވާކަށް ނޫޅުއްވައެވެ. ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ނަން އިއްވެވި މެންބަރުން ޖަލްސާ ކުރިއަށް ގެންދިޔަނުދީ އެތައް ރައްޔިތުންނެއްގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށެވެ.
އެއީ ވަރަށް ހިތާމަވެރިކަމެއް ކަމަށް ވިދާޅުވެ، ވަކި ހިސާބަކުން މަޖިލިސް ރައީސް މިއަދުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު