އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި މެޑަލް ދިފާއުކުރާނެ ކަމަށް އެންމެ ބޮޑަށް އުއްމީދު ކުރެވޭ އެއް ޓީމު ކަމަށްވާ ޓޭބަލް ޓެނިސް ޓީމުން މުޅި އަހަރު ގޭމްސް އަށް ފޯކަސްކޮށް، މަސައްކަތްތަކެއް ކޮށްގެން ގޭމްސް އަށް ތައްޔާރުވެއްޖެ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހީމް ޝިއުރީ ވިދާޅުވީ މެޑަލް ދިފާއުކުރުމަކީ ވަރަށް ޗެލެންޖިން ކަމެއް ކަމަށާއި، އެކަމަކު އެ ޗެލެންޖަށް ޓީމް ތައްޔާރު ކަމަށެވެ. އޭނާ ވިދާޅުވީ އަމާޒަކީ އެންމެ ފަހުގެ ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ހޯދުން ކަމަށެވެ. އެކަމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނުކަން ޝިއުރީ ފާހަގަކުރެއްވި އެވެ.

ޓޭބަލް ޓެނިސް މުޅި ޓީމް ވަނީ އިންޑިއާ އާއި ކްރޮއޭޝިއާގައި ތިން މަހެއްހާ ދުވަހު ތަމްރީނުތައް ކުރިއަށް ގެންގޮސްފަ އެވެ. އެ ދެ ގައުމުގެ ކުޅުންތެރިންނާ އެކު ކުޅެ ތަޖުރިބާތަކާއި، ކުރިއެރުންތައް ހޯދިއެވެ.

"ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވުނު. ކްރޮއޭޝިޔާގައި ތަމްރީނުތަކެއް ކުރިއަށްގެންދިޔަ. ދެ ކުޅުންތެރިޔަކު އިންޑިޔާގައިވެސް ތަމްރީނު ހޯދި. މާލޭގައި ކްރޮއޭޝިޔާގެ ކޯޗަކާ ބޭރުން މޮޅު ކުޅުންތެރިން ގެނެސްގެން ތަމްރީނު ހޯދަމުންދަނީ." ޝިއުރީ ވިދާޅުވި އެވެ.

އިންޑިއާ އާއި ކްރޮއޭޝިއާގެ ތަމްރީންތަކަށް ފަހު މިދިޔަ މަހެއްހާ ދުވަހު އަންހެން އަދި ފިރިހެން ޓީމުވެސް އެކުގައި ތަމްރީނު ހޯދަމުން އަންނަނީ ރާއްޖޭގަ އެވެ. ކްރޮއޭޝިއާ ކޯޗެއްގެ އިތުރުން ބޭރުގެ ފިޓްނަސް ޓްރައިނަރެއް ވެސް ޓީމާއެކު މަސައްކަތްކުރާތީ ފިޒިކަލީވެސް ޓީމު ވަރަށް ފިޓްކަން ކުޅުންތެރިން ފާހަގަކުރި އެވެ.

މީގެއިތުރުން ރާއްޖޭގައި ތަމްރީނު ހޯދަމުން އަންނަނީ ކްރޮއޭޝިއާ އާއި އިންޑިއާ އާއި ޗައިނާގެ ކުޅުންތެރިން ވެސް ރާއްޖެ ގެނެސް އެ ކުޅުންތެރިންނާ ދެކޮޅަށް ވެސް މެޗުތައް ކުޅެމުންނެވެ. ދޭތެރެ ދޭތެރެއިން އެގައުމުތަކުގެ ކުޅުންތެރިން ރާއްޖެ އައިސް ދިވެހި ކުޅުންތެރިން ކުރިއަރުވަން އެހީވާކަން ޝިއުރީ ފާހަގަކުރެއްވި އެވެ.

ޝިއުރީ ވިދާޅުވީ ބޭރުން ކުޅުންތެރިން ގެންނަނީ އަބަދު އެއްބަޔަކާ އެކު ނުކުޅެ، ތަފާތު ލެވެލްގެ ތަފާތު ސްޓައިލްގެ ކުޅުންތެރިންނާ އެކު ކުޅެ ތަޖުރިބާ ހޯދުމުގެ ގޮތުން ހަމަ ކުރިން ޕްލޭންކޮށްގެން ކަމަށެވެ. ޓީމްގެ ކުޅުންތެރިން ބުނީ ކްރޮއޭޝިއާ އާއި އިންޑިއާގައި ތިން މަހެއްހާ ދުވަހު މުޅި ޓީމް ޕްރެކްޓިސް ކުރުމުގެ ސަބަބުން ކޮލިޓީ، ފިޓްނަސް، ހުނަރު،, މެޗު ޓެކްޓިކްސް ވެސް ވަރަށް ބޮޑަށް އިމްޕްރޫވް ވެއްޖެ ކަމަށެވެ.

އެންމެ ފަހުން 2019ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި އެންމެ ގިނަ މެޑަލް ހޯދި ކުޅިވަރަކީ ޓޭބަލް ޓެނިސް އެވެ. އެހެންކަމުން، މި ފަހަރުގެ ގޭމްސްގައި ވެސް އެންމެ އުންމީދު ބޮޑު ކުޅިވަރުތަކުގެ ތެރޭގައި ޓޭބަލް ޓެނިސް ހިމެނެ އެވެ.

  • ނޯޓު: މި އާޓިކަލްއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ދާ ދިވެހި އެތުލީޓުންނާއި ޓީމުތައް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހާއްސަ މަސައްކަތުގެ ދަށުން، އެމްއޯސީ މީޑިއާ ޓީމުން ތައްޔާރުކޮށްފައިވާ އާޓިކަލްއެކެވެ.