އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ކުލުނު މެޗުގައި އޭއެފްސީ ބޯންމައުތު ބަލިކޮށްފިއެވެ.

އެންފީލްޑްގައި ކުޅުނު މެޗުގައި ލިވަޕޫލުން ބޯންމައުތު ބަލިކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. މިއަދު މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުގެ އާޖެންޓީނާ މިޑްފީލްޑަރު މެކް އަލިސްޓާ ކުރި ނުރައްކާތެރި ޗެލެންޖަކަށް ރެފްރީ ވަނީ އޭނާއަށް ސީދާ ރަތްކާޑު ދައްކައިފައެވެ. އެ ރަތްކާޑާއެކު ދެވަނަ ހާފުގައި ބޮޑުބައެއް ލިވަޕޫލް ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ.

މިއަދު މެޗުގެ ފެށުން ލިވަޕޫލަށް ގޯހެވެ. ތިންވަނަ މިނެޓުގައި ބޯންމައުތުން ވަނީ ލިވަޕޫލް ކޮޅަށް ގޯލު ޖަހައި އެންފީލްޑް ސިއްސުވާލައިފައެވެ. އެ ގޯލަކީ ލިވަޕޫލްގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި، އެންޓޮއިން ސެމެންޔޯ ޖެހި ގޯލެކެވެ.

އެ ގޯލާއެކު ލިވަޕޫލް މާޔޫސްވި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމު ވަނީ މެޗަށް އަނބުރާ ވަނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ހާއްސަކޮށް އެޓޭކް ލައިނުގެ ނުރައްކަލާއެކު ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ނަތީޖާ އަނބުރާލިއެވެ. ލިވަޕޫލުން ފުރަތަމަ ހާފުގައި ޖެހި ދެ ގޯލު ފެނުނީ އަށް މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭގައެވެ.

ލިވަޕޫލްގެ ފުރަތަމަ ގޯލު، މެޗުގެ 27 ވަނަ މިނެޓުގައި ލުއިސް ޑިއާޒް ޖެހީ އޭރިއާ ތެރެއިން ބޯޅަ ކޮންޓްރޯލު ކޮށްލުމުގެ ތެރޭގައި ބޯޅަ ފްލިކްކޮށްލައި، އޮވަހެޑް ކިކަކުންނެވެ. އަދި އޭގެ ފަހުން 36 ވަނަ މިނެޓުގައި ސަލާހް ލިވަޕޫލްގެ ދެވަނަ ގޯލު ޖަހައިދިނީ ޕެނަލްޓީއެއްގައެވެ. ސަލާހްގެ ފުރަތަމަ ޕެނަލްޓީ ބޯންމައުތުގެ ގޯލްކީޕަރު ނެޓޯ މަތަކުރި ނަމަވެސް، ރީބައުންސްގައި ސަލާހް ބޯޅަ ގޯލަށް ވައްދާލިއެވެ.

ދެވަނަ ހާފަށް ނުކުމެ ލިވަޕޫލް ނުރައްކާކޮށް ފެނުނު އިރު، 58 ވަނަ މިނެޓުގައި މެކް އަލިސްޓާއަށް ރަތް ކާޑު ދެއްކީ ރަޔަން ކްރިސްޓީއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެ ރަތްކާޑަށް މާ ގިނައިރެއް ނުވެ، ލިވަޕޫލުން ތިންވަނަ ގޯލެއް ޖަހައި މެޗުން ތިން ޕޮއިންޓް ޔަގީންކުރިއެވެ. އެ ގޯލަކީ ޑޮމިނިކް ޒޮބޮސްލާއީ ޖެހި ބޯޅައެއް ނެޓޯ މަތަކުރުމުން ޖޮޓާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި ކާމިޔާބުކުރި ގޯލެކެވެ.