ޚަބަރު

ރައީސް ވަހީދު "ބާޒެއް" ހެން އައިސް، ރިޔާސީ ޓިކެޓަށް އެދުނު: އަދުރޭ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު "ބާޒެއް" ހެން ވަޑައިގެން، ރިޔާސީ ޓިކެޓަށް އެދިވަޑައިގެންނެވި ކަމަށް ޕީޕީއެމް، ޕީއެންސީގެ ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް މިއަދު މެންދުރުފަހު ވ. ފުލިދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ އެންމެ ފަހުން ބޭއްވި ލީޑަޝިޕްގެ ބައްދަލުވުމަށް ވަޑައިގެން މުއިއްޒު ވެރިކަން ކުރައްވަން އަދި މާ ޅަ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ޓިކެޓު ދެއްވުމަށް ރައީސް ވަހީދު އެދިވަޑައިގެންނެވި ކަމަށެވެ.

"އަމިއްލަފުޅަށް ވަޑައިގެން ވިދާޅުވަނީ، އަބްދުއްރަހީމޭ އަޅުގަނޑަށް ފުރުސަތެއް ދެއްވާށޭ. އަޅުގަނޑު ދެއްވިން ފުރުސަތު. ވިދާޅުވީ ތިމަންނައަށްވުރެ އިލްމީ، ގާބިލު، ތިމަންނައަށްވުރެ ތަޖުރިބާ ހުރި، ތިމަންނައަށްވުރެ ކަނެޝަންތައް ހުރި، ތިމަންނައަށްވުރެ ހިދުމަތްކޮށްފައި ހުރި، ތިމަންނައަށްވުރެ މީހުން ގޮވައިގެން އުޅެން އެނގޭ އެއްވެސް މީހަކު މި ލީޑަޝިޕަކު ނެތޭ. އެ ވިދާޅުވާ ކަނެކްޝަންތައް ހުރި އިރު، ކީއްވެގެންތޯ އެ ކަނެކްޝަންތައް ބޭނުންކުރައްވައިގެން ރައީސް ޔާމީން މިނިވަންކުރަން މަސައްކަތް ނުކުރެއްވީ، ކޮން ތަނަކަށް ގޮސްތޯ އެ ވާހަކަ ދެއްކެވީ، ކުރީގެ ރައީސްގެ ހައިސިއްޔަތުން ކޮން ބަޔާނެއްތޯ ނެރުއްވީ. މީގެން އެއްވެސް ކަމެއް ނުރައްވައި ހުންނަވާފައި ބާޒެއްހެން އައިސް، އަޅުގަނޑުމެންނާ ޖެހިގެންފައި ޓިކެޓު ހޯދާށޭ މިއައީ،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ޓިކެޓަށް އުންމީދުކުރައްވައިގެން އެ ޓިކެޓު ލިބިވަޑައިނުގަތީމަ ނުކުމެވަޑައިގެން ގޮސް، ދެ ޕާޓީ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބަދުނާމުކޮށް ވާހަކަދެއްކެވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޓިކެޓުގެ ކަންތައް ދިޔައީ ޔާމީން ބޭނުންފުޅުވިގޮތަށް ނޫނޭ ވަހީދު ވިދާޅުވިޔަސް، ޔާމީން ބޭނުންފުޅުވާ ގޮތް ވަހީދަށް އެނގިވަޑައިނުގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެއްގޮތަކަށް ވެސް ވަހީދަށް އެކަން އެނގިވަޑައިނުގަންނަވާނެ. އަޅުގަނޑު ވަރަށް އިހުތިރާމުކުރާ ބޭފުޅެއް ޑރ. ވަހީދަކީ. އެއީ އަޅުގަނޑު ގަބޫލުކުރަން މި ގައުމު ވަރަށް ނާޒުކު ހާލަތެއްގައި އޮއްވައި، މި ގައުމުގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއް ވަހީދަކީ. އެހެންނަމަވެސް އެ ދުވަސް މާޒީވެއްޖެ، އޭގެ ފަހުން އަޅުގަނޑުމެން ވަރަށް ހިތްދަތި ހާލުގައި، ވަރަށް ނިކަމެތި ހާލުގައި އަޅުގަނޑުމެންގެ ދެ ޕާޓީ ފަސް އަހަރު ހޭދަކޮށްފިން. އޭރު ވަހީދު ހުންނެވީ ކޮންތާކުތޯ، ކީއްތޯ ޕާޓީއަށް ކޮށްދެއްވީ، ރައީސް ޔާމީންގެ ހައްގުގައި ކޮށްދެއްވީ ކޮން ކަމެއްތޯ،" އޭނާ ވިދާޅުވިއެވެ.

ރައީސް ވަހީދަކީ ޕީޕީއެމްގައި ހުންނެވުމަށްފަހު، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމާއެކު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އެއަށްފަހު ރައީސް ވަހީދު ގެންދަވަނީ ޕީޕީއެމާއި ޕީއެންސީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕޭނަށް ށ. ގޮއިދުއަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މުއިއްޒަކީ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުންނެވި ބޭފުޅެއް ކަމަށާއި ރިޔާސީ އިިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެތް ކަމަށެވެ. އަދި މުއިއްޒަކީ އެމްޑީޕީގެ އެޖެންޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ގާސިމްގެ ކެމްޕޭން ޖަލްސާގައި ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅޭގޮތުން ރައީސް ވަހީދު ވާހަކަފުޅުދެއްކެވިއެވެ. އެ ޖަލްސާގައި ރައީސް ވަހީދު ވިދާޅުވެފައިވަނީ ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެވަޑައިގެން އިންތިހާބަށް ނުކުމެވަޑައިގަތުން ކަމަށާއި ޕްލޭން ބީ އަކީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ނަމަ، ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުން ކަމަށެވެ. އަދި ޕީއެންސީން ކެންޑިޑޭޓެއް ނެރުމަކީ ޕްލޭން ސީ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކޮށްގެން ހުރީ އަޅުގަނޑަށް އެ ފުރުސަތު ލިބިދާނެ ކަމަށް، ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭ ހިނދެއްގައި. ޕާޓީގެ ތެރޭގައި އޮތީ ތިން ޕްލޭނެއް ކަނޑައަޅާފައި. ޕްލޭން އޭ އަކީ ރައީސް ޔާމީން މިނިވަންވެވަޑައިގެން ނުކުމެވަޑައިގަތުން. ޕްލޭން ބީ ގައި އޮތީ ނުކުމެވަޑައިނުގެންނެވޭ ހިނދެއްގައި ޕީޕީއެމުން އެހެން ކެންޑިޑޭޓެއް ނެރުން، އަޅުގަނޑު ހުރީ އެ އުންމީދުގައި. ދެން އޮތީ ޕްލޭން ސީ، ޕްލޭން ސީ ގައި އޮތީ ޕްލޭން ބީ ވެސް މަސައްކަތްކޮށް ނުކޮށްފިއްޔާ، ޕީއެންސީގެ ކެންޑިޑޭޓަކު ނެރެން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެ ޖަލްސާގައި ރައީސް ވަހީދު އިތުރަށް ވިދާޅުވެފައިވަނީ ކަންކަން ހިނގައިދިޔައީ ރައީސް ޔާމީން އެންގެވި ގޮތަށް ނޫން ކަމަށާއި ރައީސް ޔާމީން އެންގެވީ ޕީޕީއެމުން ވެސް އެހެން ކެންޑިޑޭޓެއް ނެރެ، ޕީއެންސީގެ ކެންޑިޑޭޓަށް ވެސް ތާއީދުކުރުމަށް ކަމަށެވެ.