(11 އޯގަސްޓުގެ އަދަދާ ގުޅޭ)

އިސްލާމްދީނުގެ ތަޞައްވުރުގައިވާގޮތުން އަރަހުށި މާތް اللّـــه سبحـــانــــه وتــعــــالــــى ހުރިހައި ތަނެއްގައި ވޮޑިގެންވެއެވެ. އެންމެހައި އިންސާނުންގެ މައްޗަށް ބައްލަވައި ވޮޑިގެންވެއެވެ. މީހަކު ފާޅުގައި ކަމެއްކުރިކަމުގައިވިޔަސް ސިއްރުން ކަމެއްކުރިކަމުގައިވިޔަސް އެކަލާނގެ ރަސްކަންފުޅަށް އެކަމެއް ވަންހަނާއެއް ނުވެއެވެ. ޖައްވުގެ ތެރޭގައި ނުވަތަ ކަނޑުގެ އަޑީގައި ނުވަތަ ބަންދު ކޮޓަރިޔެއްގެ ތެރޭގައި ކަމެއްކުރިކަމުގައިވިޔަސް އެކަލާނގެ ދެކެދެނެ ވޮޑިގެންވެއެވެ. މީހަކު ބާރަށް ވާހަކަ ދެއްކި ކަމުގައިވިޔަސް މަޑުމަޑުން ސިއްރު ސިއްރުން ވާހަކައެއް ދެއްކި ކަމުގައިވިޔަސް އެކަލާނގެ އައްސަވައި ވޮޑިގެންވެއެވެ. މީހަކު ނުބައިކަމެއް ކުރީ ބިންމަތީގައި ކަމަށްވިޔަސް ކަނޑުގެ އަޑީގައި ކަމަށްވިޔަސް އެކަލާނގެ ދެކެދެނެވޮޑިގެންވެއެވެ. މީހަކު ދުލުން އެންމެ ލަފުޒެއް ބޭރުކުރި ކަމުގައިވިޔަސް ކަމެއް ހިތަށް އަރުވައިލި ކަމުގައިވިޔަސް އެކަލާނގެ ރަސްކަންފުޅަކަށް އެކަން ސިއްރެއް ނުވެއެވެ. އެންމެ ކުޑަމިނުން ލޮލުން އިޝާރަތެއް ކޮށްލިކަމުގައިވިޔަސް އެކަލާނގެ ރަސްކަންފުޅަކަށް ވަންހަނާއެއް ނުވެއެވެ. ކާއިނާތުގައިވާ އެންމެ ކުޑަކުޑަ ޒައްރާތައްވެސްވަނީ އެކަލާނގެ ދެކެދެނެވޮޑިގަތުމުގެ ތެރޭގައެވެ. އެއްވެސް އެއްޗެއް ނުވަތަ އެއްވެސްކަމެއް އެކަލާނގެ ރަސްކަންފުޅަކަށް ވަންހަނާއެއް ނުވެއެވެ. ތިރީގައި މިވަނީ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ތެރެއިން މި މައުޟޫޢާ ގުޅުންހުރި ބައެއް އާޔަތްތަކުގެ ތަރުޖަމާއެވެ.

"ބިމުގެ ތެރެއަށް ވަންނަ ތަކެއްޗާއި، އެބިމުން ނުކުންނަ ތަކެއްޗާއި، އުޑުން ފައިބާ އެއްޗަކާއި އެ އުޑަށް އަރައިގެންދާ އެއްޗެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންވީ ކޮންމެ ތަނެއްގައި ތިޔަބައިމީހުނާއެކު އެކަލާނގެ ވޮޑިގެންވެތެވެ. އަދި اللّـــه އީ ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ." (الحـــديــد: 4)

"ތިޔަބައިމީހުން ސިއްރުކުރާ ކަންތައްތަކާއި ފާޅުކުރާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުން ހޯދައިގަންނަ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ." (الأنــعـــام: 3)

"އެއްގަމާއި ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް އަދި ރޯއެއްޗެއްވިޔަސް ހިކިއެއްޗެއްވިޔަސް ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވައިފައި) މެނުވީ ނުވެތެވެ." (الأنــعـــام: 59)

"އުޑުތަކާއި، ބިމުގައި ވާހައި ތަކެއްޗަކާއި ވާހައި ކަމެއް اللّـــه ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ ތިންމީހަކު ސިއްރު ސައްލާއެއް ކުރާހިނދު އެއުރެންގެ ހަތަރުވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެއެވެ. އަދި ފަސްމީހަކު ސިއްރު ސައްލާއެއް ކުރާހިނދު ހަވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެއެވެ. އަދި އެއަށްވުރެ މަދު، ނުވަތަ ގިނަ ޢަދަދަކަށް ކޮންމެ ތަނެއްގައި އެއުރެންވިޔަސް އެއުރެންނާއެކު اللّـــه ވޮޑިގެންނުވާ ތަނެއް ނުވެއެވެ. ދެން އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ވާހަކައިން ޤިޔާމަތްދުވަހުން އެއުރެންނަށް އެކަލާނގެ ޚަބަރު އަންގަވާނެތެވެ. ހަމަކަށަވަރުން اللّـــه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ألمجــادلــة: 7)

"ލޮލުގެ ޚިޔާނަތްތެރި ބެލުންތަކާއި، ހިތްތަކުގައި ފޮރުވިފައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ." (غــافـــــر: 19)

އަރަހުށި މާތް اللّـــه ކޮންމެ ތަނެއްގައިމެ ވޮޑިގެންވާކަމާއި ކޮންމެކަމެއް މޮޅަށް ބައްލަވައި ވޮޑިގެންވާކަމާއި ދެކެދެނެވޮޑިގެންވާކަމުގެ ޢަޤީދާ ހިތުގައި ބިންވަޅު ނެގިފައިވާ މީހާ އެއްވެސް ލޮލެއް ތިމާ ނުދެކޭ ތަނެއްގައި ހުރެވެސް ފާފަވެރި ޢަމަލެއް ކުރާން ޖެހިލުންވާނެކަން ކަށަވަރެވެ. ނުބައިކަންކަން ކުރާން ފަސްޖެހި ބިރުވެތިވާނެކަން ޔަޤީނެވެ. އަންހެނަކު އޭނާގެ އެކަނިހުރުމުގެ ފައިދާ ލިބިގަނެ އުރެދުމަކަށް އަރައިގަތުމަށް ދަޢުވަތުދިން ކަމުގައިވިޔަސް ފިރިހެނުން އެ ދަޢުވަތު ޤަބޫލު ނުކޮށް ރައްދުކުރާނެކަން ކަށަވަރެވެ. މާތް اللّـــه ދެކެ ތިމަން ބިރުވެތިވަމޭ ބުނާނެކަން ޔަޤީނެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަދީޘުފުޅެއްގައިވެއެވެ. އަރަހުށި މާތް اللّـــه ޤިޔާމަތްދުވަހުން ހަތް ފަންވަތެއްގެ މީހުންނަށް އެކަލާނގެ ޢަރްޝިފުޅުގެ ހިޔާވަހިކަން ދެއްވާނެއެވެ. އޭގެތެރޭގައި ހިމެނޭ އެކަކީ ރީތި، އަދި ނަސަބާއި ހަސަބުން އަރައިހުރި އަންހެނަކު ފާޙިޝްކަމަކަށް ދަޢުވަތު ދިނުމުން މާތް اللّـــه ގެ ރަސްކަންފުޅުދެކެ ތިމަން ބިރުވެތިވަމޭ ބުނެ އެ ދަޢުވަތު ރައްދުކުރާ މީހާއެވެ. (ބުޚާރީ: 1423 މުސްލިމު: 1031)

ށ. ދުނިޔޭގައި ކުރި ކޮންމެ ކަމަކަށް ޤިޔާމަތްދުވަހުން ޖަވާބުދާރީ ކުރައްވާނެއެވެ.

އިސްލާމީ ޢަޤީދާތަކުގެ ތެރެއިން މިދުނިޔޭގައި އިންސާނާ ފާފަތަކުން ދުރުހެލިކުރުވާ އަނެއް ޢަޤީދާއަކީ އާޚިރަތުގެ ޢަޤީދާއެވެ. އާޚިރަތްދުވަހުން ހިސާބު ބައްލަވައި ޖަވާބުދާރީ ކުރައްވާނެކަމުގެ ޔަޤީންކަމެވެ. މިދުނިޔެއަކީ އިމްތިޙާނުގެ މަންޒިލެކެވެ. މިދުނިޔެ ނެތިފަނާވެދާ ވަގުތެއް އަންނާނެއެވެ. އާޚިރަތުގެ ދުނިޔެ ޤާއިމުވާނެއެވެ. އެންމެހައި އިންސާނުން އައު ދިރުއްވުމަކުން ދިރުއްވާނެއެވެ. އިންސާނާ މިދުނިޔޭގައި ކުރި ހުރިހައި ޢަމަލެއްގެ ހިސާބު ބައްލަވާނެއެވެ. މިދުނިޔޭގައި ރަނގަޅު ހެޔޮ ޢަމަލުކުރި މީހުންނަން އެދުނިޔޭގައި ސުވަރުގެ ދެއްވާނެއެވެ. ސުވަރުގެއަކީ "ޚިޔާލަށްވެސް ނުގެނެވޭހައި އަރާމާ ޢައިޝުހުރި ތަނެކެވެ." ތަފާތު ގިނަގުނަ ނިޢުމަތްތައް ލިބޭތަނެކެވެ. މިދުނިޔޭގައި ފާފަވެރި ނުބައި ޢަމަލުތައްކުރި މީހުން އަޅުއްވައިލެއްވޭނީ ނަރަކައަށެވެ. އެއީ ޢަޒާބާއި ވޭނާއި ތުރާ ލިބުމުގެ ހުރިހައި ވަސީލަތްތަކެއް ލައްވައި ފުރައިފުރިހަމަކުރައްވައިފައިވާ ތަނެކެވެ. މިދުނިޔޭގައިކުރި ކޮންމެ ޢަމަލަކީ ކިތަންމެ ބޮޑުކަމަކަށްވިޔަސް ކިތަންމެ ކުޑަކަމަކަށްވިޔަސް އެދުނިޔޭގައި ތިމާގެ ކުރިމައްޗަށް ހުރަހެޅޭނެ ކަމެކެވެ.

އަރަހުށި ހުސްޠާހިރުވަންތަ މާތް اللّـــه ކީރިތި ޤުރްއާނުގައި ވަޙީކުރެއްވި އާޔަތެއްގެ މާނައިގައިވެއެވެ.

"ފަހެ ޒައްރެއްގެ މިންވަރުވިޔަސް ހެޔޮކަމެއް ކޮށްފިމީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއް ކޮށްފިމީހާ، އޭނާ އެކަން ދެކޭނެތެވެ." (الـــزّلــــزلـــة: 7، 8)

އަރަހުށި މާތް اللّـــه ވަނީ ކޮންމެ އިންސާނަކާއެކުވެސް އޭނާ ބަލަހައްޓަވާ މަލާއިކަތުން ލައްވައިފައެވެ. އެ މަލާއިކަތުން އެމީހެއްގެ ހުރިހައި ޙަރަކާތްތަކެއް (ބަސްތަކާއި ޢަމަލުތައް) ލިޔުއްވަމުން ގެންދަވައެވެ. ޤިޔާމަތްދުވަހުން އިންސާނާގެ ކުރިމައްޗަށް ފުރިހަމަ ފަތެއް ހުށަހަޅުއްވާނެއެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކައުތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. (އެއީ) މާތްވެގެންވާ ލިޔުއްވާ މަލާއިކަތުންނެވެ. ތިޔަބައިމީހުންކުރާ ކަންތައް އެ މަލާއިކަތުން ދެނެވަޑައިގެންވެއެވެ." (الانـفـطــار: 10، 11، 12)

އިސްލާމްދީން މަސައްކަތްކޮށްފައިވަނީ ކޮންމެ ފަރުދެއްގެ ކިބައިގައިވެސް ލަދުވެތިކަމުގެ ޖަޒުބާ އަށަގަންނުވައި އާލާކުރުމަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ލަދުވެތިކަމުގެ ޖަޒުބާތަކީ ފާފަތަކަށާއި ލަދުހުތުރު ކަންކަމަށް އަރައިގަތުން ހުއްޓުވާ ބާރެކެވެ. މީހެއްގެ ކިބައިގައި ލަދުވެތިކަމެއް ނެތްކަމުގައިވާނަމަ ޖެހިލުމެއްނެތި ކިތަންމެ ހުތުރު ކަމެއްވެސް ކޮށްފާނެއެވެ. ކިތަންމެ ބޮޑު ފާފައަކަށްވެސް އަރައިގެންފާނެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙަދީޘުފުޅެއްގެ މާނައިގައިވެއެވެ.

"އިސްވެދިޔަ ޒަމާނުގެ ނަބީބޭކަލެއްގެ ނަބަވީ ބަސްފުޅެއްގައިވެއެވެ. ތިޔަބައިމީހުންގެ ކިބައިގައި ލަދުވެތިކަމެއް ނުވާނަމަ ހިތަށްއެރި ކޮންމެކަމެއް ކޮށްފާނޫއެވެ. (ކިތަންމެ ބޮޑު ފާފައެއް ކުރާކަށެއްވެސް ފަހެއް ނުޖެހޭނޫއެވެ.)" (ބުޚާރީ: 612)

އިންސާނާ ތިމާގެ ލަދުވެތި ގުނަވަންތައް އަނެކުންގެ ކުރިމަތީގައި ފާޅުކުރުން މަނާކުރަނީ ލަދުވެތިކަމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްދުވަހަކު އެމާތް ސާހިބާގެ ޞަޙާބީއަކަށް ޙަދީޘުކުރެއްވިއެވެ.

"ކަލޭގެފާނުގެ އަނބިކަނބަލުން ފިޔަވައި އެހެން އެއްވެސްމީހެއްގެ ކުރިމަތީގައި ކަލޭގެފާނު ޢައުރަ ކަޝްފު ނުކުރައްވާށެވެ." އެބޭކަލަކު ސުވާލުކުރެއްވިއެވެ. "މީހަކު ނެތްތަނެއްގައި އެކަނިހުންނައިރު އެތާނގައި ދެކޭނެ އެހެންމީހަކު ނެތްކަމުގައިވިޔަސް ޢައުރަ ނިވާކުރާނެތޯއެވެ؟" އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘުކުރެއްވިއެވެ. "އިންސާނުންނަށްވުރެ އަރަހުށި މާތް اللّــــه ގެ ޒާތުފުޅުދެކެ ލަދުވެތިވުން މާޙައްޤުކަން ބޮޑެވެ." (ސުނަނު އަބޫދާއޫދު: 4017)

ހ. ބެލުންތައް ތިރިކުރުމުގެ އަމުރު

އިސްލާމްދީން މުއުމިނު ފިރިހެނުންނަށާއި އަންހެނުންނަށް އިރުޝާދު ދީފައިވަނީ ހުއްދަނޫން ބެލުންތަކުން ރައްކައުތެރިވުމަށެވެ. އަބުރު ރައްކައުތެރި ކުރުމަށެވެ. ކީރިތި ޤުރްއާނުގައި މިމޭރުމުން އިރުޝާދު ދެއްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

(ނުނިމޭ)