ދެ އަހަރު ވެގެންދާއިރުވެސް ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލެއް އައްޔަން ނުކުރެވޭ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ނުރުހުން ފާޅުކުރައްވައި ޖުޑިޝަން ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސުއޫދު ޖޭއެސްސީއަށް ފާޑުވިދާޅުވީ، ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖޭއެސްސީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައެވެ.

މި މައްސަލަ ފެށުނުއިރު، ކޯޓުތަކުގެ އިދާރީ މުވައްޒަފުން ވަކިކޮށްފައި ވަނީ ޖުޑީޝަލް އެޑްމިނިސްތްރޭޝަން (ޑީޖޭއޭ) އިން ކަމަށް ވިޔަސް، އެ މައްސަލައިގައި މިހާރު ކޯޓުތައް ތަމްސީލު ކުރަނީ ޖޭއެސްސީންނެވެ.

ފަނޑިޔާރު ސުއޫދުގެ ސުވާލުތައް ޖޭއެސްސީގެ ވަކީލުންނަށް އަމާޒުވާން ފެށީ އެ ހިސާބުންނެވެ. ފަނޑިޔާރު ސުއޫދުގެ ފުރަތަމަ ސުވާލަކަށްވީ އެ މައްސަލައިގެ ތެރެއަށް ޖޭއެސްސީ ވަން ގޮތާ ގުޅޭ ގޮތުންނެވެ.

ކުރިން ޑީޖޭއޭ އޮންނަނީ ސުޕްރީމް ކޯޓުގެ ދަށުގައެވެ. ނަމަވެސް ޖޭއެސްސީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހާ ގުޅިގެން ޑީޖޭއޭ މިހާރު އޮންނަނީ ޖޭއެސްސީގެ ދަށުގައެވެ. ގާނޫނަށް އައި އެ ބަދަލާއެކު ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަންވެސް މިހާރު ކުރިއަށް ގެންދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.

ފަނޑިޔާރު ސުއޫދުގެ ސުވާލާ ގުޅިގެން ޖޭއެސްސީގެ ވަކީލުން ވިދާޅުވީ، ގާނޫނަށް އައި ބަދަލާއެކު އިދާރީ ގޮތުން ޝަރުއީ ދާއިރާ ހިންގުމުގެ ބާރު ގާނޫނުން ލިބިދެނީ ޖޭއެސްސީއަށް ކަމަށެވެ.

"މިހާރު ދެ އަހަރުވެގެން މި ދަނީ މިތަނުގެ އިދާރީ އެންމެ އިސް މުވައްޒަފު ނެތި، ތިޔަ ބޭފުޅުން ޖޭއެސްސީއަކީ މި ތަނުގެ އިދާރީ އެންމެ އިސް ފަރާތް ކަމަށްވާނަމަ ކޮން ދުވަހަކުންތޯ އަޅުގަނޑުމެންގެ އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ؟" ފަނޑިޔާރު ސުއޫދު ރުޅިވެރިކަމާއެކު ވިދާޅުވިއެވެ.

"މިތަން މި އޮތީ ހަމަ ހުއްޓިފައި، ހިންގުން އެއްކޮށް ހުއްޓިފައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ، ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ، ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް،" ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓަކީ ދައުލަތުގެ އެއްބާރު ކަމަށް ވިޔަސް ތިބެން ޖެހިފައިވަނީ ބަޔަކު ދިނިއްޔާ ކައިގެން، ފޮތް ފަންސޫރު ބަޔަކު ދިނިއްޔާ ހޯދައިގެން ކަމަށެވެ.