ނ އަތޮޅު ކުޑަފަރީ ސަލްމާ ޔޫސުފް އަކީ އެ ރަށު ކައުންސިލުގައި މަސައްކަތްކުރާތާ 18 އަހަރު ވެފައިވާ މުވައްޒަފެކެވެ. ވަޒީފާގައި ބުރަކޮށް މަސައްކަތް ކުރަމުންވެސް އިތުރު އާމްދަނި ހޯދުމަށް ހިތްވަރުކުރަމުން އަންނަ ހިވާގި ހިންގުންތެރި ކަނބަލެކެވެ. ގެވެހި، މުރާލި، ރަށުގެ މީހުންނާއި މެދު ވިސްނާ އަދި ކަމެއްކޮށްދިނުމުގައި، ރައްޓެހީންނާއި ބީރައްޓެހީންނަށްވެސް ތަފާތު ނުކުރާ ކަނބަލެކެވެ.
ސަލްމާ އަކީ، ކުޑަފަރީގައި އޭނާގެ އަމިއްލަ ގޯތީގައި އެކި ވައްތަރުގެ ގަސްއިންދައި، ފަންގި ވިނެ، އެކި ވައްތަރުގެ ހެދިކާ ހަދައި އަންހެނުންނަށްވެސް ނަމޫނާ މިސާލެކެވެ. ސަލްމާގެ ހިންގުންތެރިކަމުން، އޭނާގެ އާންމު ދިރިއުޅުމުގެ ހަފުތާއެއްގެ ކޮންމެވެސް އެއްދުވަހަކީ ކައިރި ރިސޯޓަކަށް ހެދިކާ ހަދާފަ ފޮނުވާ ދުވަހެކެވެ.
ނަމަވެސް ކުޑަފަރީ އަކީ މަސްވެރި ރަށަކަށް ނުވުމުންނާއި ވަޅޯމަހާއި ކާށި ލިބުން ދަތި ރަށަކަށް ވުމުން ބައެއް ދުވަސްވަރަކީ ހެދިކާ ހެދުމުގައި އެހެން ދުވަސްތަކާ ހިލާފަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ދުވަސް ތަކެއްކަން ސަލްމާ ފާހަގަ ކުރިއެވެ. އެހެނަސް ސަލްމާގެ ހިންގުންތެރިކަމާއި ކަންކަމުގައި ހިތްވަރު އެލުވައި ނުލާނެ ކަމުގެ އެއް ހެއްކަކީ މިއަދުވެސް ރަށުގެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ފެނުމެވެ.
ސަލްމާ "ވަން" އަށް ބުނީ އޭރުވެސް މިހާރުވެސް ކުޑަފަރީ ކައުންސިލުގައި އުޅެނީ ލިބޭ މުސާރަޔަށް ބަލާފައި ނޫންކަމުގައެވެ. ނަމަވެސް ސަލްމާ އެންމެ ޅައިރުއްސުރެންވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ހުރި ޝައުގެއްގެ ބޮޑުކަމުން ކައުންސިލާ ގުޅުނީ ކަމުގައި އޭނާ ބުންޏެވެ.
"ކުރިން މިތަންތަން ހިންގަން ތިބޭ މީހުން އެހާ އެއްބާރުލުމެއް ނުދޭނެ. މިސާލަކަށް އޮފީސް ވަގުތު ތަކުގަ އިތުރު އާއިލީ ކަމެއް ޖެހިގެން ބުންޏަސް އެކަމަށް އެއްބަހެއް ނުވާނެ. ގެއަށް ނުފޮނުވާން އުޅޭނީ. އެކަމަކު މިހާރު ވަރަށް ފަސޭހަ. ރަށު ކައުންސިލުތައް ހިންގަން ކިޔަވައިގެން ތިބޭ ޒުވާން ކުދިން ތިބޭތީ އެމީހުންނަށް ވަރަށް ވިސްނޭ. ކަމެއް ޖެހިދާނެ ކަން އެމީހުންވެސް ގަބޫލު ކުރޭ. މިހާރު ވަރަށް ފަސޭހަ. ވަރަށް ހިތްހަމަޖެހޭ" ސަކަ ހިނިތުންވުމަކާ އެކު ސަލްމާ ބުންޏެވެ.
ކުޑަފަރީ މީހުން ބުނާގޮތުގައި ވެސް ސަލްމާއަކީ ނަމޫނާ އަންހެނެކެވެ. ފިސާރި އަންހެނެކެވެ. ހިތްވަރުގަދަ. މުރާލި މީހެކެވެ. އަބަދުވެސް އުޅޭނީ ކޮންމެވެސް މަސައްކަތެއްގައެވެ. މޫނުމަތީން ފެންނާނީ ހިނިތުންވުމެވެ.
މިހާރު ތަފާތު ކުރުމެއް ނެތި އަންހެނުންނަށްވެސް ވަޒީފާގެ މާހައުލުން ކުރިއެރުން ލިބޭތީ ސަލްމާ ބޭނުންވަނީ ކުރިއޮތް އަހަރުތަކުގައިވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމުގައި ދެމި ހުރުމަށްކަމަށް އޭނާ ބުނެއެވެ.
ސަލްމާއަކީ މީހުންނާ ގުޅޭ، އެންމެންގެވެސް އެކުވެރިއެކެވެ. ހިތްހެޔޮ މީހެކެވެ. އަބަދުވެސް އުޅެނީ ކޮންމެވެސް މަސައްކަތެއްގައެވެ. ކައުންސިލުގެ ހިދުމަތުގެ ވަގުތު ނިމުން އަމިއްލަ މަސައްކަތުގައެވެ. ވަގުތު ބޭކާރު ނުކޮށް، ކާމިޔާބު ހޯދުމަށް ގަދަ ހިތްވަރާއެކު އަބަދުމެ މަސައްކަތް ކުރުމަކީ އޭނާގެ މޮޓޯއެވެ.